ލ. ގަން ތުނޑި އަވަށް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު އެމްޓީސީސީއާއި ހަވާލުކޮށްފި

26 އޯގަސްޓް 2021 - 6:15

ލ. ގަން ތުނޑި އަވަށް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ. މި މަޝްރޫޢު ޙަވާލުކުރުމަށް މިއަދު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގައި ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް އާދަމް އާޒިމްއެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލާ ފާތުމަތު ޝާނާ ފާރޫޤެވެ.

މި މަޝްރޫޢުގެ ދަށުން، ބަނދަރު ފުންކުރުމާއި، 488 މީޓަރުގެ ބޭރުތޮށި ލުމާއި، 310 މީޓަރުގެ އެއްގަމުތޮށި ލުމާއި، 25 މީޓަރު ދިގު 3 މީޓަރު ފުޅާ ބްރިޖެއް ހެދުމުގެ އިތުރުން 550,1 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މިއީ 71.24 މިލިއަން ރުފިޔާ އަށް 365 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.