ނ. ލަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 65 ޕަސެންޓް ނިމިއްޖެ

24 އޯގަސްޓް 2021 - 7:53

ލަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 65 ޕަސެންޓް ނިމިއްޖެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން މައުލޫމާތު ހިއްސާކުރައްވައިފިއެވެ.

މި މަޝްރޫޢުގެ ދަށުން، ބޭރުތޮށިލުމަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް 23 އޯގަސްޓް 2021 ވަނަ ދުވަހު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައި، އަދި ހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތުގެ 89 ޕަސެންޓް ވަނީ ނިމިފައިވާކަމަށްވެސް އެ ކުންފުނިން މައުލޫމާތު ދެއްވިއެވެ.

މި މަޝްރޫޢުގެ ދަށުން، 25,000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 256 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 401 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 60 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނޭ. އަދި ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމާއި، 1,280 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މިކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 35.60 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.