ރައީސުލްޖުމްހޫރިއްޔާ، ވޭމަންޑޫގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރަށާއި، ވޭމަންޑޫ ސްކޫލަށް ޒިޔާރަތްކުރައްވައި އެ ތަންތަނުގެ ޙާލަތު ބައްލަވާލައްވައިފި

20 އޯގަސްޓް 2021 - 7:30

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްތ. ވޭމަންޑޫއަށް ކުރެއްވި ދަތުރުފުޅުގައި، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ދަށުން ހިންގާ ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރަށް ޒިޔާރަތްކުރައްވައިފިއެވެ.

މި ޒިޔާރަތުގައި އެމަނިކުފާނު ވަނީ، އެ ސެންޓަރުގެ އަމާން ހިޔާގައި ދިރިއުޅޭ ކުދިންނާ މުވައްޒަފުންނާ ބައްދަލުކޮށްލައްވާ ބޭނުންވާ ކަންތައްތަކުގެ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ. މި ސެންޓަރުަގައި މިވަގުތު 16 އަހަރާއި 17 އަހަރާ ދެމެދުގެ 6 ކުދިން ތިބެއެވެ. މި ސެންޓަރަކީ މުޖުތަމަޢުގައި ނާޒުކު ޙާލަތުގައި ތިބި މީހުންނަށް އަޅާލައި، އެހީތެރިވުމުގެ ގޮތުން ޖެންޑަރ މިނިސްޓްރީގެ ދަށުން ހިންގާ ސެންޓަރެކެވެ.

ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރަށް ޒިޔާރަތްކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ދެން ވަޑައިގަތީ ވޭމަންޑޫ ސްކޫލަށެވެ. އެމަނިކުފާނު ސްކޫލަށް ކުރެއްވި ޒިޔާރަތުގައި ސްކޫލް ކުދިންނާއި ސްކޫލްގެ އިސްވެރިންނާ ޓީޗަރުންނާ ވަނީ ބައްދަލުކުރައްވާ ބޭނުންވާ ކަންކަން އޮޅުންފިލުއްވައި ތަނުގެ ޙާލަތު ބައްލަވާލައްވާފައެވެ.

ވޭމަންޑޫ ސްކޫލަކީ 355 ދަރިވަރުން މިހާރުވެސް ކިޔަވަމުންދާ ސްކޫލެކެވެ. ގްރޭޑް 1-12 އަށް ކިޔަވާދެމުންދާ މި ސްކޫލްގައި މަލްޓިޕަރޕަސް ހޯލެއް ތަރައްޤީކުރަމުންދާއިރު، ތަޢުލީމީ ދާއިރާ ކުރިއެރުވުމަކީ މިސަރުކާރުން އެންމެ އިސްކަންދޭ އެއް ރިޔާސީ ވަޢުދެވެ.

ރައީސުލްޖުމްހޫރިއްޔާ މިހާރު ވޭމަންޑޫއަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ ތ. އަތޮޅުގެ 7 ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ހަތަރުވަނަ މަންޒިލެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދަޢުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.