ފެބްރުއަރީ 4 ވަނަ ދުވަހު މަޖިލިސް ހުޅުވާތީ ބަންދު ދުވަހެއްކަމަށް ކަނޑައަޅައިފި

6 ޖެނުއަރީ 2021 - 3:19

އަންނަ ފެބުރުއަރީ މަހުގެ 4 ވަނަ ދުވަހު މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވައި، ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާގޮތައް ހަމަޖައްސައިފިއެވެ. އެހެންކަމުން ފެބްރުއަރީ މަހުގެ 4 ވާ ބުރާސްފަތި ދުވަސް މިހާރު ވަނީ ރަސްމީ ބަންދުދުވަހެއްގެ ގޮތުގައި ސަރުކާރުން ހަމަޖައްސަވާފައެވެ.
ފެބްރުއަރީ 4 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ދެއްވާ ރިޔާސީ ބަޔާން ވެގެންދާނީ ވެރިކަމާ ހަވާލުވެވަޑައިގެން އެމަނިކުފާނު ދެއްވާ ތިންވަނަ ރިޔާސީ ބަޔާނަށެވެ.

ރިޔާސީ ބަޔާނަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 84ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ އިއްވަވަންޖެހޭ ބަޔާނެކެވެ. ޤާނޫނު އަސާސީގެ 84 ވަނަ މާއްދާފައި ބަޔާންކޮށްފައިވަނީ ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ޤައުމުގެ ޙާލަތު ބަޔާންކޮށްދީ، ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެމައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައްޔިތުންގެ މަޖިލީހަށް އިއްވަވަންވާނެކަމަށެވެ. މި ޖަލްސާގައި އޮންނާނީ ހަމައެކަނި، ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމެވެ.

ވަރަށް މަދު އަހަރުތަކެއްގައި ނޫނީ، ކޮންމެ އަހަރަކުވެސް ރައީސް ރިޔާސީ ބަޔާން އިއްވަވާދުވަހު ސަރުކާރު ބަންދު ކުރެ އެވެ.