ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، އެފްއޭއެމްގެ “ޗައިލްޑް ސޭފްގާޑިން ޕޮލިސީ” އިފްތިތާޚް ކޮށްދެއްވައިފި

8 އޯގަސްޓް 2021 - 14:09

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ "ޗައިލްޑް ސޭފްގާޑިން ޕޮލިސީ އިފްތިތާޚް ކޮށްދެއްވައިފިއެވެ. އެކަމަނާ މި ޕޮލިސީ އިފްތިތާޙް ކޮށްދެއްވީ އިއްޔެ ހަވީރު މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

ޕޮލިސީ އިފްތިތާޙްކޮށްދެއްވާ އެކަމަނާ ދެއްކެވި ވާހަކަފުޅުގައި، ޗައިލްޑް ސޭފްގާޑިންގެ މުހިންމުކަން ފާހަގަކުރައްވައި ކުޅިވަރުގެ ތެރެއިން މި ކަމަށް ޙައްލެއް ހޯދަން ދުރާލާ ވިސްނާ މިކަން ފެށީތީ އެފްއޭއެމްއާ އަދި މި ޕޮލިސީ އެކުލަވާލުމުގައި ބައިވެރިވި ފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ. ހަމަ އެހެންމެ ކުޑަކުދިންނާ ގުޅޭ މިފަދަ މުހިންމު ޕޮލިސީއެއް އެކުލަވާލުމުގައި އެ ކުދިންގެ މަޝްވަރާއާ ބައިވެރިވުން ހޯދާފައިވާތީ އެކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި ޗައިލްޑް ސޭފްގާޑިން އަދި ޗައިލްޑް ޕްރޮޓެކްޝަންގެ ތަފާތުގެ މައްޗަށް ވެސް އަލިއަޅުވާލެއްވިއެވެ. އަދި ޚާއްޞަގޮތެއްގައި، ކުދިން ސޭފްގާޑް ކޮށްދިނުމުގެ މަޤްޞަދަކީ ނުރައްކާތެރިކަމަށް ކުދިން ހުށަހެޅުމުގެ ފުރުޞަތު ނުދީ ރައްކާތެރިކަމުގެ ވެށީގައި ކުދިން ދެމެހެއްޓުންކަން ފާހަގަކުރައްވައި ކުޅިވަރުގެ ތެރޭގައި ހަރުދަނާ ޗައިލްޑް ސޭފްގާޑިން ފިޔަވަޅުތަކެއް އެކަށައަޅާފައި އޮތުމުގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ މި ޕޮލިސީ އިފްތިތާޙްކުރުމަށް އިޝާރާތްކުރައްވާ އެކަމަނާ ވަނީ މިއީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނާއި ކުޑަކުދިންގެ ޢަދުލުގެ ޤާނޫނަށް އަމަލުކުރަން ފެށިފަހުން އައި އެންމެ އުފާވެރި އެއް ދުވަސްކަން ފާހަގަކުރައްވާފައެވެ.

ހަމަ އެހެންމެ، ކުޅިވަރުގެ މާހައުލުގައި އުޅޭއިރު ކުއްޖަކަށް ޖިސްމާނީ ނަފްސާނީ ނުވަތަ އެހެންގޮތަކުން ނަމަވެސް އަނިއާއެއް ދީފާނެ މީހަކުގެ ކިބައިން ސަލާމަތްވުމަށް އުނދަގޫވެދާނެ އެތައް ޙާލަތެއް ކުރިމަތިވެދާނެކަން ފާހަގަކުރައްވައި، މިފަދަ ޕޮލިސީއެއް އޮތުމުން ކުދިންގެ އިތުރުން ކޯޗުންނާއި އަދި އެ ތަންތަނުގެ މެނޭޖްމަންޓަށްވެސް އޭގެ ފައިދާކުރާނެކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އެގޮތުން ޕޮލިސީއެއް އޮތުމުން، ކަންކުރަންވީ ގޮތަކީ ކޮބައިކަމާއި ނުކުރަންވީ ކަންކަން އެންމެންނަށްވެސް އެނގިފައި އޮންނާނެކަމަށާއި އަދި ކަންބޮޑުވާ ކަމެއް ދިމާވެއްޖެނަމަ އެކަން ރިޕޯޓްކުރަންވީގޮތާއި އެހީތެރިކަން ހޯދަންވީގޮތް ކުދިންނާ ކޯޗުންނަށްވެސް އެނގިފައި އޮންނާނެކަން ފާހަގަކުރައްވައި، އެފަދަ ބައެއް މިސާލުތަކަށްވެސް އެކަމަނާ އަލިއަޅުވާލެއްވިއެވެ.

އެކަމަނާގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ އެފްއޭއިމްއާއި އާރކް ގުޅިގެން ފެށި މި މަސައްކަތް ހަރުދަނާވެ ނަތީޖާ ނެރުމަށް ކޮންމެ ދުވަހަކު އިސްކަންދިނުމަށް އެދިވަޑައިގަންނަވާފައެވެ. އަދި ކުޅިވަރު އެހެން އެސޯސިއޭޝަންތަކުން ވެސް މިކަމުގައި އިސްނަގައި ކުޅިވަރު މައިދާނަކީ ހާމަކަންބޮޑުގޮތެއްގައި ކުދިންނަށް ރައްކާތެރިކަންލިބޭ، އިތުބާރާއެކު އެކުދިންގެ ކަންބޮޑުވުންތައް ހިއްސާކުރެވޭނެ މައިދާނެއް ކަމުގައި ހެދުމަށް  އެކަމަނާ ގޮވާލެއްވިއެވެ.

އެފްއޭމްގެ ޗައިލްޑް ސޭފްގާޑިން ޕޮލިސީއަކީ އެފްއޭއެމް ފައުންޑޭޝަން އަދި އެފްއޭއެމްއާ އާރކް ޖަމުޢިއްޔާ ގުޅިގެން އަދި ޔުނިސެފް މޯލްޑީވްސްއާ ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކުގެ ބައިވެރިވުމާއެކު އެކުލަވާލާފައިވާ ޕޮލިސީއެކެވެ. މި ޕޮލިސީގެ މައިގަނޑު ބޭނުމަކީ ފުޓްބޯޅައިގައި ބައިވެރިވާ ހުރިހާ ކުދިންނަކީވެސް ، ކުޑަކުދިންނަށް ކުރާ، އަނިޔާއާއި، އެކުދިންނަށް ވާ އިހުމާލާއި، އެ ކުދިންނަށް ކުރިމަތިވާ ހަނގާކުރުންފަދަ ކަންކަމުން ރައްކާތެރިވެ ތިބެ ފުޓްބޯޅައިގައި ބައިވެރިވާކުދިން ކަމުގައި ހެދުމެވެ.