ހިޔާ ފްލެޓްގެ އެއްބަސްވުމުގައި ސޮއިކުރުން އަލުން ފަށައިފި

7 އޯގަސްޓް 2021 - 14:22

ހިޔާ ފްލެޓް އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތުގައި އުޅޭ އެޗްޑީސީގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވެ އެއްބަސްވުމުގައި ސޮއިކުރުން ވަގުތީގޮތުން މެދުކަނޑާލުމަށްފަހު އަލުން ސޮއިކުރުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

އެޗްޑީސީ އިން ބުނީ މި މަސައްކަތް އަލުން ފަށާފައިވަނީ މިއަދު ހެނދުނު 10:00 ގައި ކަމަށެވެ. އަދި މި މަސައްކަތް އަލުން ފަށާފައިވަނީ އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުގައިކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެގޮތުން އެއްބަސްވުމުގައި ސޮއިކުރަންދާ ފަރާތްތަކުން ސަމާލުކަން ދިނުމަށް އެޗްޑީސީ އިން ކަންތައްތަކެއްވަނީ ފާހަގަކޮށްފައެވެ. މީގެ ތެރޭގައި ސޮއިކުރަން އަންނަ ފަރާތްތަކުން އަމިއްލަ ގަލަން އަދި އިނގިލީގެ ނިޝާން ޖަހަން ބޭނުން ކުރާ "އިންކް ޕެޑް" ގެނައުމަށް ސަމާލުކަން ދިނުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.

އަދި ފުލެޓުގެ އެއްބަސުވުމުގައި ސޮއިކުރުމަށް ގިނަ ފަރާތްތަކަކަށް ތާވަލު ކުރެވިފައިވާތީ، ކޮންމެ މީހަކުވެސް ގަޑިއަށް ސޮއިކުރުމަށް ދިޔުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.ސޮއިކުރުމަށް ހަމަޖެހިފައިވާ ގޮތުގެ ތާވަލު 

އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ މަހުގެ 13 ވަނަ ދުވަހުއެވެ.

އެޗްޑީސީއިން ވަނީ ސޮއިކުރަން ދާއިރު ބޭނުންވާ ލިޔެކިޔުންތައް ހަމަކޮށް، ހެކިވެރިޔާގެ އައިޑީކާޑު ކޮޕީ ހިފައިގެން ދިޔުމަށް އިލްތިމާސްކޮށްފައެވެ.

އެއްބަސްވުމުގައި ސޮއިކުރާ މީހުން އެންމެ ފުރަތަމަ ދިޔުމަށް ހަމަޖެހިފައިވަނީ ހުރަވީ ސްކޫލަށެވެ. އަދި އެތަނުގައިވާ ވެރިފައިކުރާ މޭޒުން އެ މީހެއްގެ މައުލޫމާތު ބަލައި އެ މައުލޫމާތު ދިމާވޭތޯ ޔަގީންކުރާނެއެވެ. އަދި ހެކިވެރިޔާގެ ލިޔެކިޔުން ހަމަވެފައި ހުރިތޯވެސް ބަލާނެއެވެ.