ހއ.އިހަވަންދޫ ބަދަރުގެ 57% މަސައްކަތް ނިމިއްޖެ: އެމްޓީސީސީ

5 އޯގަސްޓް 2021 - 12:14

ހއ. އިހަވަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 57 ޕަސެންޓް މަސައްކަތް ނިމިފައި ވާކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެ ކުންފުނިން މައުލޫމާތު ދޭގޮތުގައި މި މަޝްރޫޢުގެ ދަށުން، ކުރީގެ ބަނދަރުގެ ޕޭވްމަންޓްގެ ކާސްޓިންގް މަސައްކަތްތައް 2 އޯގަސްޓް 2021 ވަނަ ދުވަހު ވަނީ ފެށިފައެވެ.

މި މަޝްރޫޢުގެ ދަށުން، 30،509 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 95 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 284 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 178 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނެއެވެ.

އަދި މަގުބައްތިއާއި ނެރު ބައްތި ހަރުކުރުމާއި، 4،582 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނޭ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 51.7 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.