ފްރަންޓްލައިންގައި މަސައްކަތްކުރާ ފުލުހުންނަށް ތަމްރީނު ޕްރޮގްރާމްތަކެއް ފަށައިފި

5 އޯގަސްޓް 2021 - 12:05

ސެންޓްރަލް ޕޮލިސިންގ ކޮމާންޑްގައި ހިމެނޭ ޓްރެފިކް ޕޮލިހާއި މާލެއާއި ހުޅުމާލެ އަދި ވިލިމާލެ ޕޮލިހުގެ ފްރަންޓްލައިންގައި މަސައްކަތްކުރާ ފުލުހުންނަށް ހާއްސަކޮށްގެން ތަމްރީނު ޕްރޮގްރާމްތަކެއް ފަށައިފިއެވެ.

ތަމްރީނު ޕްރޮގްރާމްތައް ފެށުމަށް އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސެންޓްރަލް ޕޮލިސިންގ ކޮމާންޑުގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއުއެވެ. 

ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި އަލީ ޝުޖާއު ދެއްކެވި ވާހަކަފުޅުގައި، ފްރަންޓްލައިންގައި މަސައްކަތްކުރާ ފުލުހުން ތާޒާކުރުމުގެ ތަމްރީނު ޕްރޮގްރާތަކެއް ކުރިއަށް ގެންދިއުމަކީ މުހިންމުކަމެއް ކަމުގައި ފާހަގަކުރެއްވިއެވެ. އަދި މިފަދަ ޕްރޮގްރާމްތަކާއެކު، ދިވެހި ފުލުހުންގެ ހިދުމަތުން ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވުމާއި މުވައްޒަފުންގެ މަސައްކަތްތައް އިތުރަށް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމާއި ޒިންމާދާރުކަމާއެކު ހިދުމަތް ފޯރުކޮށްދިނުމުގެ އިތުރުން ރައްޔިތުންނަށް ހިދުމަތްދިނުމުގައި ދިމާވާ ކަންކަން ހައްލުކޮށް މައްސަލަތައް މަދުވެގެންދާނެ ކަމުގައި ފާހަގަކުރެއްވިއެވެ.

މި ތަމްރީނު ޕްރޮގްރާމްތަކަކީ ފްރަންޓްލައިންގައި މަސައްކަތްކުރާ ފުލުހުން މިހާރުގެ ހާލަތާ އެކަށީގެންވާ ތަމްރީނާއި ހުނަރު ލިބިފައި ތިބި ބަޔަކަށް ހެދުމާއި މުވައްޒަފުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމަށް ފެށި ތަމްރީނު ޕްރޮގްރާމްތަކެކެވެ. އެގޮތުން، މަސައްކަތުގެ މާހައުލުގައި މުވައްޒަފުންގެ ގާބިލުކަމާއި ހުނަރު އިތުރުކުރުމަށް ލީޑަރ ޝިފް ޕްރޮގްރާމްތަކާއި ޓީމް ބިލްޑިންގ ހަރަކާތްތަކާ އަދި ކައުންޓަރ ޓެރަރިޒަމް ތަމްރީނުތަކުގެ އިތުރުން އޮސްޓް ރިފްރެޝަރ ޕްރޮގްރާމްތަކާއި ސިނާރިއޯ ބޭސްޑް ޓްރެއިނިންގ އަދި ފްރަންޓްލައިންގައި ޑިއުޓީ އަދާކުރުމުގައި މިހާރަށްވުރެ ރަނގަޅު ހުނަރުތައް ދަސްކޮށްދިނުމަށް ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.

އިންޑޯ ކްލާސްތަކާއި އައުޑްޑޯ ކްލާސްތަކާއެކު ކުރިއަށް ގެންދާ އެ ތަމްރީނު ޕްރޮގްރާމްތައް އެކި ދުވަސްތަކަށް ބަހާލައިގެން، މި އަހަރުގެ ޑިސެމްބަރ 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.