ވިޒިޓް މޯލްޑިވްސްއިން 2 އެއަރލައިންއަކާއި ގުޅިގެން ރާއްޖެ އިޝްތިހާރުކުރަނީ

5 އޯގަސްޓް 2021 - 11:58

2 އެއަރލައިންއަކާއިއެކު ރާއްޖެ އިޝްތިހާރުކުރުމުގެ ކެމްޕެއިންތަކެއް ވިޒިޓް މޯލްޑިވްސްއިން ފަށައިފިއެވެ.

ވިޒިޓް މޯލްޑިވްސްއިން މި ކެމްޕެއިން ފަށާފައިވަނީ ޤަތަރު އެއަރވޭސްއާއި އައިބީރިއާ އެއަރލައިންއާއިއެކުއެވެ.

ވިޒިޓް މޯލްޑިވްސްއިން ޤަތަރު އެއަރވޭސްއާއިއެކު ފެށި ކެމްޕެއިންގެ ތެރެއިން ޔޫރަޕް، މެދުއިރުމަތި އަދި އެމެރިކާ މާކެޓްގައި ރާއްޖެ އިޝްތިހާރުކުރާނެއެވެ. މި ކެމްޕެއިން ފަށާފައިވަނީ މިއަހަރުގެ ޖުލައިމަހުއެވެ. އަދި ކެމްޕެއިން އަންނަ އަހަރުގެ ޖޫންމަހާއި ހަމައަށް ކުރިއަށްދާނެކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ.

މި ކެމްޕެއިންގެ ތެރެއިން ރާއްޖެއަކީ ރައްކާތެރި މަންޒިލެއްކަން މުޅި ދުނިޔެއަށް ބުނެދޭނެކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ. އަދި ޤަތަރު އެއަރވޭސްގެ ނިއުސްލެޓަރތަކުގައާއި ވެބްސައިޓްގައި ރާއްޖެއާއި ގުޅޭ ފޮޓޯއާއި މައުލޫމާތު ހިމަނާނެއެވެ.

ޤަތަރު އެއަރވޭސްއަކީ ޤަތަރުގެ ޤައުމީ އެއަރލައިނެވެ. މި އެއަރލައިނުން އަންނަނީ ދުނިޔޭގެ 130 މަންޒިލަކަށް ދަތުރުކުރަމުންނެވެ. މިއީ ދުނިޔޭގައިވެސް އެންމެ ކުރިއަރާފައިވާ އެއް އެއަރލައިނެވެ. ކޯވިޑް19 އަށްފަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއިއެކު ރާއްޖެއަށް އެންމެ ފުރަތަމަ ދަތުރުކުރީވެސް ޤަތަރު އެއަރވޭސްއެވެ. އަދި ރާއްޖެއަށް މިހާރު އެންމެ ގިނަ ފަތުރުވެރިން އަންނަ އެއަރލައިންއަކީވެސް ޤަތަރު އެއަރވޭސްއެވެ.

ވިޒިޓް މޯލްޑިވްސްއިން 2 ވަނައަށް ކެމްޕެއިން ފަށާފައިވާ އައިބީރިއާ އެއަރލައިނުން ސްޕެއިންގެ މާކެޓްގައި ރާއްޖެ އިޝްތިހާރުކުރާނެއެވެ. މި ކެމްޕެއިން ކުރިއަށްދާނީ މިމަހުގެ ނިޔަލަށެވެ. މި ކެމްޕެއިންގެ ތެރެއިން އޮންބޯޑް، އޮންލައިން، ސޯޝަލް މީޑިއާ މެދުވެރިކޮށް ސްޕެއިންގެ މާކެޓްގައި އެ އެއަރލައިނުން ރާއްޖެ އިޝްތިހާރުކުރާނެއެވެ. އެގޮތުން އެ އެއަރލައިންގެ ބޯޑިން ޕާސް އަދި ބިޒްނަސް ކެބިންގައި ރާއްޖޭގެ ފޮޓޮއާއި މައުލޫމާތު ހިމަނާނެއެވެ.

ވިޒިޓް މޯލްޑިވްސްއިން ބުނީ އައިބީރިއާއާއެކު ފެށި ކެންޕެއިންގެ ދަށުން ސްޕެއިން މާކެޓުން ރާއްޖެ އަންނަ ފަތުރުވެރިން އިތުރުވެ، ޔޫރަޕާއި ލެޓިން އެމެރިކާގައި ރާއްޖޭގެ މަޤްބޫލުކަން ބޮޑުވެގެންދާނެކަމަށެވެ. އައިބީރިއާ އެއަރލައިންއަކީ ޔޫރަޕާއި ލެޓިން އެމެރިކާ ސަރަހައްދުގައި މަޤްބޫލު އެއަރލައިނެކެވެ. މި އެއަރލައިނުން 48 ޤައުމެއްގެ 138 މަންޒިލަކަށް އަންނަނީ ދަތުރުކުރަމުންނެވެ.