ނަމާދަށްފަހު މިސްކިތްތަކުގައި މަޑުނުކުރަން އިސްލާމިކް މިނިސްޓްރީން އަންގައިފި

9 ފެބުރުއަރީ 2021 - 5:29

ކޯވިޑް19 ގެ މިހާލަތުގައި މިސްކިތްތަކަށް ނަމާދަށްދާމީހުން އަމަލުކުރަންޖެހޭ ވަކި ގޮތްތަކެއް އިސްލާމިކް މިނިސްޓްރީން އާންމުކޮށްފިއެވެ. އެމިނިސްޓްރީން ވަނީ، މިސްކިތަށް ނަމާދަށް ދާއިރު، ކޮވިޑުން ރައްކާތެރިވުމަށް ސަމާލުކަން ދިނުމުގެ ގޮތުން، އަމިއްލަ އަށް މުސައްލަ ގެންދިއުމާއި ނަމާދަށް ފަހު މިސްކިތުގައި މަޑުނުކުރަން އިލްތިމާސްކޮށްފައެވެ.

ކޮވިޑް-19 އާ ގުޅިގެން އެ މިނިސްޓްރީން ނެރުނު އިއުލާނެއްގައި ވަނީ މިސްކިތަށް ދާއިރު މާސްކު އެޅުމާއި ގެއިން ވުޟޫ ކޮށްގެން މިސްކިތަށް ދިއުމުގެ އިތުރުން އަމިއްލަ އަށް މުސައްލަ ގެންދިއުމާއި އެހެން މީހެއްގެ މުސައްލަ މަތީގައި ނަމާދު ނުކުރުމަށް ސަމާލުވުމަށް އަންގާފައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، މިސްކިތަށް ވަނުމާއި ނުކުތުމުގައި ގައިދުރުކަން ބެހެއްޓުމަށާއި މިސްކިތުގެ އެކި ތަންތަނުގައި ތިބުމުގެ ބަދަލުގައި އެންމެ ކުރީ ސަފުން ފެށިގެން ފުރަމުން ގެންދިއުމަށް އެދޭ ކަމަށެވެ.

ފުއްޕާމޭގެ ބަލިތަކާއި ރޯގާ ޖެހިފައިވާ މީހުންނާއި ކެއްސާ މީހުން އަދި އުމުރުން ދުވަސްވީ މީހުން މިސްކިތަށް ނުދާން ވަނީ އިސްލާމިކް މިނިސްޓްރީން އިލްތިމާސް ކޮށްފައެވެ. މިސްކިތުގައި އަތާ އަތް ޖޯޑުކޮށް ސަލާމް ނުކުރުމަށާއި މިސްކިތުގައި ހުންނަ ޚަތިމުތައް ބޭނުން ނުކުރަންވެސް އެދިފައެވެ. މިއީ ރާއްޖޭގައި އަނެއްކާވެސް ކޯވިޑް19 ގެ ކޭސްތައް އިތުރުވަމުން އަންނާތީ މިބަލި ކޮންޓްރޯލްކުރުމަށް ބާރުއެޅުމުގެ ގޮތުން ކަނޑައަޅާފައިވާ އުސޫލްތަކެކެވެ.

ކޯވިޑް ހުއްޓުވުމަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި އިއްޔެއިން ފެށިގެން މާސްކް އެޅުންވެސް މިހާރު ވަނީ މަޖްބޫރުކޮށްފައެވެ. އަދި މާލެ ސަރަހައްދުގައި ކާފިއުވެސް އަލުން ވަނީ އިއުލާންކޮށްފައެވެ. އަދި ކެފޭ ރެސްޓޯރަންޓްތައް ހުޅުވާފައި ބެހެއްޓޭ ވަގުތުވެސް އެޗްޕީއޭއިން ވަނީ ބަދަލުގެނެސްފައެވެ.