ސަރުކާރުގެ އިދާރާތަކުގެ ހުރިހައި މުވައްޒަފުން ކޮވިޑް-19 އިން ރައްކައުތެރި ވުމަށް ޓަކައި ވެކްސިން ފުރިހަމަކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވައިފި

4 އޯގަސްޓް 2021 - 18:46

ހެލްތް ޕްރޮޓެކްޝަން އެޖެންސީން 2 އޮގަސްޓް 2021 ގައި ނެރުއްވައިފައިވާ، ނަންބަރު 23-L/CIR/2021/19 ގެ ސަރކިއުލަރގައި، ދައުލަތުގެ މުއައްސަސާތަކުގެ ހުރިހައި މުވައްޒަފުން ކޮވިޑް-19 އިން ރައްކައުތެރިވުމަށް ވެކްސިން ފުރިހަމަކުރުމަށް އެދިވަޑައިގެންފައިވާތީއާއި، ކޮވިޑް-19 އިން ރައްކައުތެރިވުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ ކޮވިޑް-19 ގެ ވެކްސިން ފުރިހަމަކުރުން ކަމުގައި ވުމާއެކު، ސަރުކާރުގެ އިދާރާތަކުގައި މަސައްކަތްކުރާ ހުރިހައި މުވައްޒަފުން ކޮވިޑް-19 އިން ރައްކައުތެރިވުމަށް ޖަހަންޖެހޭ ވެކްސިންގެ ޑޯޒުތައް ފުރިހަމަކުރުމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިލްތިމާސްކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ދެންނެވުމުގައި މިހައިތަނަށް ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަކޮށްފައިނުވާ މުވައްޒަފުން 2021 އޮގަސްޓް 15 ވަނަ ދުވަހުގެ ނިޔަލަށް ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށް، އެ ޑޯޒް ފުރިހަމަކުރި ތާރީޚަށް ބަލައި، ފުރިހަމަކުރަންޖެހޭ އިތުރު ޑޯޒް، އެ ޑޯޒެއް ފުރިހަމަކުރަންޖެހޭ މުއްދަތުގެ ތެރޭގައި ފުރިހަމަކުރުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވާކަމުގައި ބުނެފައިވެއެވެ. އަދި، ވަގުތީގޮތުން ކުރިމަތިވެފައިވާ ހާލަތެއްގެ ސަބަބުން ވަކި މުއްދަތަކަށް ވެކްސިންޖެހުން ރައްކައުތެރިނޫންކަމަށް ދިވެހިރާއްޖޭގައި ރަޖިސްޓަރީވެފައިވާ މެޑިކަލް ޑޮކްޓަރަކު ލަފާ ދޭ މުވައްޒަފުން ވެސް، ލަފާދީފައިވާ މުއްދަތު ހަމަވުމުން ވެކްސިން ފުރިހަމަކުރުމަށް މި ދެންނެވުމުގައި ވެއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުގެ އިދާރާތަކުގެ ވެރިން، އެ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުން، ކޮވިޑް-19 އިން ރައްކައުތެރިވުމަށް ޖަހާ ވެކްސިން ފުރިހަމަކުރުމަށް ބާރުއަޅުއްވައި، ވެކްސިން ފުރިހަމަކުރޭތޯ ބައްލަވައިދެއްވުމަށް ވެސް އެދިވަޑައިގެންފައެވެ.