ރިކަވަރީ ލޯނުގެ ގޮތުގައި އެސްއެމްއީތަކަށް 352.8 މިލިއަން ރުފިޔާ ދޫކޮށްފި

8 ފެބުރުއަރީ 2021 - 16:47

“ރިކަވަރީ ލޯނު ސްކީމް”ގެ ދަށުން ކުދި ފަންތިއާއި މެދުފަންތީގެ ވިޔަފާރިތަކަށް މިހާތަނަށް 352.8 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ. ރިކަވަރީ ލޯނު ސްކީމްއަކީ ކޯވިޑް-19އާއި ގުޅިގެން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލިބިފައިވާ ގެއްލުމުން އަރައިގަތުމަށް ސަރުކާރުން ދޫކުރާ ލޯނެކެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުން މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް އެސްޑީއެފްސީ މެދުވެރިކޮށް 2097 ފަރާތަކަށް 352.8 މިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ވަނީ ދޫކޮށްފައެވެ. އޭގެ ތެރޭގައި ކުދި ވިޔަފާރިއާއި މެދު ފަންތީގެ 1441 ވިޔަފާރިއަކަށް ދޫކޮށްފައިވާ 333.2 މިލިއަން ރުފިޔާ އާއި އަމިއްލަ މަސައްކަތްކުރާ 656 ފަރާތަކަށް ދޫކުރި 19.6 މިލިއަން ރުފިޔާ ހިމެނެއެވެ.

އެސްޑީއެފްސީން ވަނީ ޙާއްސަ އިސްކަމެއްދީގެން އެ ބޭންކުން ދޫކުރާ ވަކި މިންވަރެއް އަންހެނުންނަށް ޙާއްސަކޮށްފައެވެ. ކޯވިޑް-19 ވިޔަފާރި އެހީގެ ދަށުންވެސް އަންހެނުންނަށް ވަކި ޙާއްސަ އަދަދެއް ވަނީ ކަނޑައަޅާފައެވެ. މި ލޯނުގެ ދަށުން 576 އަންހެނަކަށް މިހާތަނަށް 117.4 މިލިއަން ރުފިޔާގެ ލޯނު ވަނީ ދޫކޮށްފައެވެ.

ކޯވިޑް19 ރިކަވަރީ ލޯނު ސްކީމްގެ ދަށުން ކުދި ފަންތިއާއި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރަނީ އެސްއެމްއީ ބޭންކުންނެވެ. އަދި ބޮޑެތި ވިޔަފާރިތަކަށް ލޯނު ދޫކުރަނީ ބީއެމްއެލް މެދުވެރިކޮށެވެ.