އިނގިރޭސިވިލާތުގެ ވަގުތީ ވިސާ އެޕްލިކޭޝަން ސެންޓަރެއް މާލޭގައި ހުޅުވައިފި

2 އޯގަސްޓް 2021 - 15:07

އިނގިރޭސިވިލާތުގެ ވަގުތީ ވިސާ އެޕްލިކޭޝަން ސެންޓަރެއް މާލޭގައި ހުޅުވައިފިއެވެ. މިތަން ޤާއިމުކޮށްފައިވަނީ ފޮރިން މިނިސްޓްރީގެ މައި އިމާރާތުގައެވެ.

އިނގިރޭސިވިލާތުގެ ވަގުތީ ވިސާ އެޕްލިކޭޝަން ސެންޓަރުން ވިސާ އެޕްލިކޭޝަންތައް މިއަދުން ފެށިގެން ބަލައިގަންނަމުންދާނެކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ. މިތަން ހުޅުވާފައި ހުންނާނީ މިއަދުން ފެށިގެން މިމަހުގެ 4 ވަނަ ދުވަހާއި ހަމައަށެވެ. މި ވަގުތީ ވިސާ އެޕްލިކޭޝަން ސެންޓަރުން، ކުރިން އެޕޮއިންޓްމަންޓް ހައްދާފައިވާ ފަރާތްތަކުގެ ޑޮކިއުމަންޓްތައް ބަލައިގަތުމާއި، ބަޔޯމެޓްރިކްސް އެންރޯލްމަންޓް ކުރިއަށްދާނެކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

އިނގިރޭސިވިލާތުން ރާއްޖޭގައި ވަގުތީ ވިސާ އެޕްލިކޭޝަން ސެންޓަރެއް ހުޅުވާފައިމިވަނީ، ދިވެހި ސަރުކާރުގެ އެދުމުގެ މަތިންނެވެ. ސަބަބަކީ އިނގިރޭސިވިލާތަށް ދަތުރުކުރާ ދިވެހިންނަށް، ވަކިން ޚާއްސަކޮށް މަތީ ތަޢުލީމަށް އެޤައުމަށް ދަތުރުކުރާ ދަރިވަރުންނަށް ވިސާގެ ކަންތައްތައް ލުއިފަސޭހަ ގޮތެއްގައި ހަމަޖައްސައިދިނުމުގެ ބޭނުމުގައެވެ.