މިއަހަރު ފަހުކޮޅު ކުރެހުމުގެ މައުރަޒެއް ބާއްވަނީ

29 ޖުލައި 2021 - 4:48

މިއަހަރުގެ ފަހުކޮޅު ކުރެހުމުގެ މައުރަޒެއް ބޭއްވުމަށް މަސައްކަތްކުރަމުން އަންނަކަމަށް މިނިސްޓަރ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ. މިނިސްޓަރ ޔުމްނާ ވިދާޅުވީ މައުރަޒެއް ބާއްވާނީ ކޯވިޑްގެ ހާލަތު ބެލުމަށްފަހު ހާލަތު ރަނގަޅުނަމަކަމަށެވެ. މިނިސްޓަރ މިހެން ވިދާޅުވީ، މިނިވަން ދުވަހާ ގުޅިގެން ސްޓެލްކޯ ފާރުގައި ދިވެހި އާޓިސްޓުން ކުރަހާފައިވާ ކުރެހުންތައް ބައްލަވާލެއްވުމަށް ފަހު ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވަނީ ކޯވިޑްގެ ސަބަބުން ގެއްލުން ލިބުނު ދާއިރާތަކުގައި ޘަޤާފަތާއި ފަންނުވެރިކަމުގެ ދާއިރާއަށް ވަރަށް ބޮޑަށް އަސަރުކުރިކަން ފާހަގަކުރައްވާފައެވެ. ކޯވިޑުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ސަރުކާރުން ފޯރުކޮށްދިން އެލެވެންސްތައް އެފަރާތްތަކަށް ލިބުނު ނަމަވެސް އެންމެ ބޭނުންވާވަރަށް އެހީތެރިކަން ފޯރުކޮށް ނުދެވޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓރަ ޔުމްނާ ވިދާޅުވީ އާޓިސްޓުންނަށްޓަކައި މިއަހަރުގެ ފަހުކޮޅު ކުރެހުމުގެ މައުރަޒުތައް ބޭއްވުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން އަންނަމަހުގެ ފަހުކޮޅު އާރޓްގެލަރީ މަރާމާތު ކުރުމުގެ މަސައްކަތްފަށާނެކަމަށާއި ސެޕްޓެމްބަރު މަހުގެ ތެރޭގައި މައުރަޒުތައް ބޭއްވޭނެކަމަށް އުއްމީދުކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ޔުމްނާ ވިދާޅުވީ އެމިނިސްޓްރީން ފަންނުވެރިންނާ ގުޅިގެން މަސައްކަތް ކުރުމަށާއި އެ ފަރާތްތަކަށް އެހީތެރިވުމަށް އަބަދުވެސް ތައްޔާރަށް އޮންނާނެކަމަށެވެ. ރާއްޖޭގެ 56 ވަނަ މިނިވަން ދުވަހާއި ގުޅިގެން ދިވެހި އާޓިސްޓް ކޮމިއުނިޓީގެ ފަރާތުން ވަނީ މާލޭގެ ބޭރުމަގުގެ، ސްޓެލްކޯ ފާރުގައި ފެންނާނެހެން 113 ފޫޓު ދިގު ކުރެހުމެއް ކުރަހާފައެވެ. މިކުރެހުމުން ދިވެހިން މިނިވަންކަމަށްޓަކާ އެކި ޒަމާންތަކުގައި ކުރި އެކި ޖިހާދުތަކާއި މިނިވަންކަން ދިފާޢުކުރުމަށް ކުރި މަސައްކަތްތައް ދައްކުވައިދެއެވެ.