އަމިއްލަ ފަރާތްތަކުގެ އެކައުންޓްގައި ހުރި ޑޮލަރު ސަރުކާރަށް ނުނަގާނެ – އެމްއެމްއޭ

8 ފެބުރުއަރީ 2021 - 16:27

އަމިއްލަ ފަރާތްތަކުގެ އެކައުންޓުތަކުގައި ހުރި ޑޮލަރު ސަރުކާރަށް ނެގުމަކީ އެއްވެސް އިރެއްގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ކުރާނެ ކަމެއް ނޫންކަމަށް އެއޮތޯރިޓީން ވިދާޅުވެއްޖެއެވެ.

އެމްއެމްއޭއިން ބުނީ އަމިއްލަ މީސްމީހުންގެ ޑޮލަރު އެކައުންޓާ ކުޅުމަކީ އެއްވެސް އިރެއްގައި މަރުކަޒީ ބޭންކުން ކުރާނެ ކަމެއް ނޫން ކަމަށެވެ.

އެމްއެމްއޭއިން އެ ގޮތަށް ބުނީ އޮންލައިން ސައިޓެއްގައި ޖެހި ލިއުމަކާ ގުޅިގެންނެވެ. އެ ރިޕޯޓުގައި ހުރި ވާހަކަތައް ދޮގުކޮށް އެމްއެމްއޭ އިން މިއަދު ބުނީ އަމިއްލަ އެކައުންޓްގައި ހުރި ޑޮލަރު ސަރުކާރަށް ނެގުމަކީ އެއްވެސް އިރެއްގައި އެ އޮތޯރިޓީން ކުރާނެ ކަމެއް ނޫން ކަމަށެވެ.

ރައްޔިތުންގެ މަޖިލިސް ހުޅުވައި އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ރައްޔިތުން ބޭނުންވާ ވަރަށް ދަތިނުވެ ޑޮލަރު ލިބޭނެ ގޮތް ހެދުމަށްޓަކައި، ސިޔާސަތުތައް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ.

ހަމައެއާއެކު ރާއްޖޭގެ ފޮރިން އެކްސްޗޭންޖް ބާޒާރުގެ ގާނޫނީ އޮނިގަނޑު އިސްލާހު ކުރުމުގެ މަސައްކަތް އެ އޮތޯރިޓީން ކުރަމުން އަންނަ ކަމަށާއި އެ ބަދަލުތަކުގެ ސަބަބުން ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް ބޭރުފައިސާ ހޯދުމުގައި ލުއިތަކެއް ލިބިގެންދާނެ ކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ.