“ހިޔާ” މަޝްރޫޢުގެ ވަގުތީ ލިސްޓުތަކާމެދު ޝަކުވާ ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ލިޔުމުން ޖަވާބު ލިބިފައިނުވާ ފަރާތްތަކުން އެކަން އެންގެވުމަށް ފްލެޓް ކޮމިޓީން އެދިވަޑައިގަންނަވައިފި

8 ފެބުރުއަރީ 2021 - 5:16

"ހިޔާ" މަޝްރޫޢުގެ ކެޓަގަރީތަކުގެ ވަގުތީ ލިސްޓުތަކާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމަށް ހުޅުވައިލެއްވި ފުރުޞަތުގައި ޝަކުވާ ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ލިޔުމުން ޖަވާބު ލިބިފައި ނުވާ ފަރާތްތަކުން، އެކަން އެންގެވުމަށް ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީއިން އެދިވަޑައިގަންނަވައިފިއެވެ. މިކަމާ ގުޅޭގޮތުން އެ ކޮމިޓީން މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި އިޢުލާނެއް ޝާއިޢު ކުރައްވާފައެވެ.

އެ ކޮމިޓީއިން ވިދާޅުވީ، ވަގުތީ ލިސްޓުތަކާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމަށް ހުޅުވައިލެއްވި ފުރުޞަތުގައި ހުށަހަޅުއްވާފައިވާ ހުރިހާ ޝަކުވާތަކެއް ދިރާސާކޮށްފައިވާ ކަމުގައެވެ. އަދި، ހުރިހާ ޝަކުވާއެއްގެ ޖަވާބު، ލިޔުމުން، ޝަކުވާ ހުށަހެޅުއްވި ފަރާތްތަކުން ދެއްވާފައިވާ އީމެއިލް އެޑްރެސްއަށް އީމެއިލްކޮށްފައިވާ ކަމުގައެވެ. ނަމަވެސް، ބައެއް ފަރާތްތަކުން ދެއްވާފައިވާ އީމެއިލް އެޑްރެސްއަށް ފޮނުވާ އީމެއިލް ޑެލިވަރނުވާކަން އެ ކޮމިޓީގެ އިޢުލާނުގައި ފާހަގަކުރައްވާފައިވެއެވެ.

އެހެންކަމުން، ލިޔުމުން ޖަވާބު ލިބިވަޑައިނުގަންނަވާ ފަރާތްތަކުން، އެ ކަން އެންގެވުމަށް ކޮމިޓީން އެދިވަޑައިގަންނަވައެވެ. މި މަޢުލޫމާތު ކޮމިޓީއަށް ހުށަހަޅުއްވާނީ، އެ ފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރާއި އީމެއިލް އެޑްރެސް ޖެއްސެވުމަށްފަހު، 2021 ފެބްރުވަރީ 8 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން 7761108 ނުވަތަ 7226016 އަށް އެސް.އެމްއެސް. މެދުވެރިކޮށެވެ. "ހިޔާ" މަޝްރޫޢުގެ ކެޓަގަރީތަކުގެ ވަގުތީ ލިސްޓުތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލައްވާފައިވާ މުއްދަތުތައް ވެސް އެ ކޮމިޓީން ޝާއިޢުކުރައްވާފައިވާ އިޢުލާނާއެކު ހާމަކުރައްވާފައިވެއެވެ.