ހއ. ދިއްދޫގައި ކުރިއަށް ގެންދާ މަޝްރޫއުތައް އެމްޓީސީސީގެ ސީއީއޯ ބައްލަވާލައްވައިފި

17 ޖުލައި 2021 - 11:37

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީން ހއ އަތޮޅު ދިއްދޫގައި ކުރިއަށް ގެންދާ މަޝްރޫއުތައް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ބައްލަވާލައްވައިފިއެވެ.

އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދިއްދޫގައި އެމްޓީސީސީން ކުރިއަށް ގެންދާ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރިއަށްދާގޮތް ވަނޯ ބައްލަވާލައްވާފައެވެ.

އެ މަޝްރޫއުގެ ދަށުން، ކޮނުމަށްފަހު ބިންގަޑު އެއްވަރުކުރަން 7،750 ކިއުބިކް މީޓަރުގެ ވެލިބޭނުންކުރުމާ، ޖިއޯ ބޭގްސްއަށް އެޅުމަށް 1,926 ކިއުބިކް މީޓަރުގެ ވެލި ބޭނުންކުރުން ހިމެނެއެވެ. އަދި ރަށްގިރުމުން ސަލާމަތްކުރުމަށްޓަކައި 310 މީޓަރުގެ ސަރަހައްދެއްގައި ޖިއޯ ބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ހިމެނެއެވެ. މި މަސައްކަތުގެ 59 އިންސައްތަ ނިމިފައި ވާކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

މީގެ އިތުރުން ސީއީއޯ އާޒިމް ވަނީ، އެރަށު ބަނދަރު ބޮޑު ކުރުމުގެ އަމަލީ މަސައްކަތްވެސް ގާތުން ބައްލަވާލައްވާފައެވެ.

ދިއްދޫ ބަނދަރު ބޮޑު ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހުއެވެ.

މި މަޝްރޫއުގެ ދަށުން 78،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ބަނދަރު ފުން ކުރުމާއި 616 މީޓަރު ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 185 މީޓަރު ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި 326 މީޓަރު ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި 4320 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމޭނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

މި މަޝްރޫއުއަކީ 69.87 މިލިއަން ރުފިޔާގެ މަޝްރޫއަަކަށްވާއިރު މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ 365 ދުވަހުގެ ތެރޭގައެވެ.