ނ. ފޮއްދޫގެ ފެނާއި ނަރުދަމާ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައި ބާރަށް ކުރިއަށް

14 ޖުލައި 2021 - 14:28

ނ. ފޮއްދޫގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ތެރެއިން ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު، އެމްޑަބްލިއުއެސްސީން ބުނެފިއެވެ.

ފޮއްދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށްދާ ގޮތް ހިއްސާކުރަމުން އެމްޑަބްލިއުއެސްސީން ބުނީ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މިހާރު އެ ރަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިގެން ބާރަށް ކުރިއަށްގެންދާ ކަމަށާއި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެމްޑަބްލިއުއެސްސީން ބުނީ އެ މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން ފޮއްދޫގައި 4.76 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ގާއިމުކުރުމާއި، އާރްއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި، ފެން އުފެއްދުމަށްޓަކައި ދެ އާރްއޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި ތިން ތާންގީ ބެހެއްޓުން ހިމެނޭ ކަމަށެވެ. މީގެ އިތުރުން، ގޭގޭގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން މި މަޝްރޫއުގެ ތެރެއިން ފޯރުކޮށްދެވޭނެ ކަމަށްވެސް ފެން ކުންފުނިން ވަނީ ބުނެފައެވެ.

ނަރުދަމާ ނިޒާމުގެ މަޝްރޫއުގެ މަސައްކަތުގެ ދަށުން ފޮއްދޫގައި 3.89 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކު ގާއިމުކުރުމާއި، 454 މީޓަރުގެ ޕަންޕިން ލައިން އެޅުމާއި، ނަރުދަމާގެ އިދާރީ ބިލްޑިން އިމާރާތް ކުރުމާއި، ދެ ޕަންޕިން ސްޓޭޝަނާއި އަދި އެއް ސީ އައުޓް ފޯލް ގާއިމުކުރުން ހިމެނޭ ކަމަށް އެމްޑަބްލިއުއެސްސީން ވަނީ ބުނެފައެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ، އެ ގެތަކަށް ނަރުދަމާގެ ހިދުމަތް ފޯރުކޮށްދެވިގެން ދާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން އެ މަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމު ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދޭނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

ފޮއްދޫގެ ފެނާއި ނަރުދަމާގެ މަޝްރޫއުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައިވަނީ 58،147،625.9 (58.1 މިލިއަން) ރުފިޔާއަށެވެ. އެ މަޝްރޫއުގެ މުއްދަތަކީ 540 ދުވަހެވެ. އެ މަޝްރޫއުގެ މަސައްކަތް ނިމުމުން ފޮއްދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ލިބިގެންދާނެ ކަމަށް އެމްޑަބްލިއުއެސްސީން ވަނީ ބުނެފައެވެ.