ގެވެށި ގުޅުން ބަދަހިކުރުމަށްޓަކައި މުޖުތަމަޢުގައި ކުރާކަންކަމާއި ދޭ މެސެޖުތައް އެއްގޮތްކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބާރުއަޅުއްވައިފި

8 ޖުލައި 2021 - 11:08

ގެވެށި އަނިޔާއިން ރައްކާތެރިވުމަށްޓަކައި، ބަދަހި ގެވެށި ގުޅުމެއް އޮތުން މުހިންމުކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ގެވެށި އަނިޔާއިން ރައްކާތެރިވެފައިވާ މާހައުލެއް ބިނާކުރުމަށް މީހުން ހޭލުންތެރިކުރުމަށް ޔޫ.އެން.އެޕް.ޕީ.އޭ ޖެންޑަރ މިނިސްޓްރީ ގުޅިގެން ގެނެސްދިން “ސާސްތުރަ”ގެ ފަހު ޕްރޮގްރާމަށް ދެއްވި ވީޑިއޯ މެސެޖެއްގައެވެ.

މި ވީޑިއޯ މެސެޖްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވީ މީޑިއާތަކުން ގެނެސްދޭ ބައެއް އިޝްތިހާރުތަކުން ގޭތެރޭގެ މައްސަލަތައް ފާހަގަވާގޮތަށް އިޝްތިހާރު ގެނެސްދޭކަން ފާހަގަކުރެވޭކަމަށެވެ. އެފަދައިން އާންމުނަށް މެސެޖްފޯރުކޮށްދިނުމުގެ ބަދަލުގައި ގޭތެރޭގައި މީހުން މުޢާމަލާތުކުރާ ރަނގަޅުގޮތްތަކާއި، ރަނގަޅު އާދަތައް އިޝްތިހާރުތަކުން ދައްކައި އެފަދަ މޭރުމުން މުޖުތަމަޢަށް ފޯރުކޮށްދިނުންމާ ބޭނުންތެރިވެފައި މުހިއްމުކަމަށް ފަޒްނާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންވަނީ ގޭތެރޭގައި އެކަކު އަނެކަކާ މުޢާމަލާތް ކުރާއިރު، ލޯތްބާއި އިޙްތިރާމާއެކު، ޚާއްސަކޮށް މައިންބަފައިން ވާހަކަދެއްކުމަށް ބާރުއަޅުއްވާފައެވެ. އެކަމަނާވިދާޅުވީ އެގޮތަށް މުޢާމަލާތުކުރުމުން ދަރިންނަށް ރައްކާތެރިކަމާ އަމާންކަން އިހުސާސްކުވޭނެކަމަށެވެ. އަދި ހަމަ އެއާއެކު ކުދިންނާއި ބޮޑެތިމީހުންގެވެސް ޢަމަލުތައް ބަހައްޓަންވާނީ ޕޮޒިޓިވް ބަސް ބޭނުންކުރުމަށް ސަމާލުކަންދީގެން ކަމަށާއި އޭގެ ސަބަބުން އެފަދަ ޢަމަލު ބަދަލުކުރަން ފަސޭހަވާނެކަމަށް އެކަމަނާ ފާހަގަކުރައްވިއެވެ.

ސާސްތުރަ ޕްރޮޤްރާމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ އެ ސިލްސިލާތަކުން ގެވެށި އަނިޔާއިން ރައްކާތެރިވުމަށްޓަކައި، ބަދަހި ގެވެށި ގުޅުމެއް އޮތުން މުހިންމުކަން ފާހަގަވިކަމަށެވެ. އެހެންކަމުން ބަދަހި ގެވެށި ގުޅުމެއް ބިނާކުރުމަށް ދިމާވާ މައްސަލަތައް ހައްލުކުރުމުގެ ހުނަރު އަންހެނުންނަށާ ފިރިހެނުންނަށް އެނގުން މުހިންމުކަމުގައި އެކަމަނާ ފާހަގަކުރެއްވެވިއެވެ.

ސާސްތްރަ ޕްރޮގްރާމަކީ ގެވެށި ގުޅުން ޤައުމީ ކެމްޕެއިންގެ ދަށުން ރާއްޖޭގައި ވަރަށް ބޮޑު މައްސަލައަކަށް ވެފައިވާ ގެވެށި އަނިޔާ ‘ޑޮމެސްޓިކް ވައިލެންސް’ އާއި ގުޅޭގޮތުން ރައްޔިތުންނަށް މަޢުލޫމާތު ދިނުމަށާއި، ގެވެށި އަނިޔާ ރިޕޯޓުކޮށް މިކަމަށް ބާރުވެރިކުރުވުމަށް ގެނެސްދެމުން އައި ސިލްސިލާ ޕްރޮގްރާމެކެވެ.