އެގްރޯ ނެޝަނަލް ކޯޕަރޭޝަނުން ދަނޑުވެރިންނަށް އަމާޒުކޮށްގެން މައުލޫމާތު ދިނުމުގެ ސިލްސިލާ ފޯރަމްތަކެއް ފަށައިފި

6 ޖުލައި 2021 - 14:54

އެގްރޯ ނެޝަނަލް ކޯޕަރޭޝަނުން ދަނޑުވެރިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ، މައުލޫމާތު ދިނުމުގެ ފޯރަމް މިއަދު އިފްތިތާހުކޮށްފިއެވެ. އޮންލައިންކޮށް ކުރިއަށްގެންދާ ގޮތަށް އިންތިޒާމް ކުރެވިފައިވާ ބައްދަލުވުންތައް ފެށުމުގެ ގޮތުން ފުރަތަމަ ބައްދަލުވުން މިއަދު ހެނދުނު 10:30 ން 12:15 އަށް ބޭއްވިފައި ވަނީ ހއ. އަތޮޅަށެވެ. އެގޮތުން ހއ. އަތޮޅު ކައުންސިލްގެ އިތުރުން އަތޮޅުގެ ހުރިހާ ރަށެއްގެ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރައްވާ ކޮމިޓީތަކުން ވަނީ ބައިވެރިވެފައެވެ.

އެގްރޯ ނޭޝަނަލް ކޯޕަރޭޝަނުން ހިންގާ ކޮންޓްރެކްޓް ފާމިންގެ ޕުރޮގުރާމާއި ގުޅޭ މަޢުލޫމާތުގެ އިތުރުން ކައުންސިލްތަކާއި ގުޅިގެން ދަނޑުވެރިކަމުގެ ދާއިރާ އިން ކުރެވިދާނެ ކަންކަމާއި، ހުރި ފަހި ފުރުޞަތަކާއި ގުޅޭ މަޢުލޫމާތު ވަނީ ޙިއްސާކުރެވިފައެވެ. އެގޮތުން އެގްރޯނެޓުގެ މަސައްކަތްތައް އިންތިޒާމް ކުރެވިފައިވާ ގޮތްތަކާއި ގުޅޭ ގޮތުން ފުޅާދާއިރާއެއްގައި ވަނީ މަޝްވަރާ ކުރެވިފައެވެ. މިއަދުގެ ފޯރަމްގައި އެގްރޯ ނެޝަނަލް ކޯޕަރޭޝަންއިން ދަނޑުވެރިންނަށް ކޮންޓްރެކްޓް ފާރމިންގެ އުސޫލުން ފޯރުކޮށްދޭން ހަމަޖެހިފައިވާ ސްޓާރޓްއަޕް ޕެކޭޖާ ގުޅޭ މައުލޫމާތާއި އުފައްދަން ހަމަޖެހިފައިވާ 17 ބާވަތުގެ މައުލޫމާތު ފޯރުކުރެވިފައެވެއެވެ.

މިބައްދަލުވުމުގައި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހާރޫން ރަޝީދާއި، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު މުޙައްމަދު ފުޅުގެ އިތުރުން ޑިޕާޓްމަންޓުތަކުގެ ވެރިން ބައިވެރިވެ މަޢުލޫމާތު ޙިއްޞާކުރެއްވިއެވެ.

ބައްދަލުވުން ނިންމާލީ ބައިވެރިންނަށް ސުވާލު ކުރުމަށް ދެވުނު ފުރުޞަތުގައި ބައިވެރީން ހުށަހެޅުއްވި ސުވާލުތަކަށް ޖަވާބު ދިނުމަށް ފަހުގައެވެ. އަދި، ސުވާލު ކުރުމަށް ހުޅުވާލި ފުރުޞަތުގައި ހއ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީގު ވާހަކަފުޅު ދެއްކެވިއެވެ. އަދި ކައުންސިލްތަކުގެ ފުރިހަމަ އެއްބާރުލެއްވުން ދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.

ކޮންޓްރެކްޓް ފާރމިންގ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 45 ރަށެއް ގައި ކޮންޓްރެކްޓް ފާމިންގ (އިންތިޒާމު ކުރެވިގެން ކުރެވޭ ދަނޑުވެރިކަމެއް) ތަޢާރުފުކޮށް، ދަނޑުވެރިކަމުގެ ޢަމަލީ މަސައްކަތް ފެށިގެން ކުރިއަށް ދާކަން އުފަލާ އެކު ފާހަގަ ކުރަމެވެ. އެގޮތުން މިހާތަނަށް 1500 އަށް ވުރެ ގިނަ ދަނޑުވެރިން ވަނީ މިމަޝްރޫޢު ގައި ބައިވެރިވުމުގެ ޝައުޤުވެރިކަން ފާޅުކޮށް ފޯމު ހުށަހަޅުއްވާފައެވެ.  އަދި 400 ފަރާތަކާއި އެކު އެއްބަސްވުންތަކުގައި ސޮއި ކުރެވި، އިތުރު 684 ފަރާތަކާއި އެކު އެގުރިމެންޓު ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.

އެގްރޯނެޓުގެ އަމާޒަކީ ދިވެހިރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ވެސް އިންތިޒާމް ކުރެވިގެން ކުރެވޭ ދަނޑުވެރިކަމެއް ތަރައްޤީކޮށް، ބަރޯސާ ވެވޭ އިޤުތިޞާދީ ސިނާޢަތެއްގެ ގޮތުގައި ދަނޑުވެރިކަން ތަރައްޤީ ކުރުމެވެ. ސަރުކާރުގެ އިޤުދިޞާދީ ސިޔާސަތުގެ ދަށުން ސިނާޢަތެއްގެ ގޮތުގައި ދަނޑުވެރިކަން ތަރައްޤީ ކުރުމަށްޓަކައި، އެގުރޯ ނޭޝަނަލް ކޯޕަރޭޝަން އުފެއްދެވީ 21 އޭޕްރިލް 2020 ގައެވެ.