17،000 އަށްވުރެ ގިނަ މީހުންނަށް އިންކަމް ސަޕޯޓް އެލަވަންސް ދޫކޮށްފި

6 ފެބުރުއަރީ 2021 - 12:03

ކޯވިޑް-19އާ ގުޅިގެން ޢާމްދަނީއަށް އަސަރުކުރި ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި ސަރުކާރުން މިހާތަނަށް 264.6 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ޢާއްމުކުރައްވާފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަމަހުގެ 26ވަނަ ދުވަހާ ހަމައަށް 17,710 މީހަކަށް އިންކަމް ސަޕޯޓް އެލަވަންސް ވަނީ ދޫކޮށްފައެވެ. އަދި އެމީހުންނަށް ދޫކުރި އިންކަމް ސަޕޯޓް އެލަވަންސްގެ ޖުމްލަ 264.6 މިލިއަން ރުފިޔާއަށް އަރާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

އިންކަމް ސަޕޯޓް އެލަވަންސް ދޫކުރަނީ ކޯވިޑް-19އާ ގުޅިގެން ޢާމްދަނީއަށް ނުރަނގަޅު އަސަރެއް ކޮށްފައިވާ މީހުންނަށް، އެ މީހުންގެ ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން ޚާއްޞަ ޢިނާޔަތެއް ދިނުމުގެ ބޭނުމުގައެވެ.

އިންކަމް ސަޕޯޓު އެލަވަންސަށް އެދި އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ދަށުން ހިންގާ ޖޮބް ސެންޓަރެށެވެ. ވަޒީފާއަށް ނުރަނގަޅު އަސަރު ކޮށްފައިވާ މީހުންނަށް އެލަވަންސް ދިނުމުގެ ޝަރުޠުތަކުގެ ތެރޭގައި، ދިވެހި ރައްޔިތަކަށް ވުމާއެކު، ދިވެހިރާއްޖޭގައި ދިރިއުޅޭ މީހެއްކަމުގައި ވާންޖެހެއެވެ. އަދި އެއީ ޢުމުރުން 18 އަހަރާއި، 65 އަހަރާއި ދެމެދުގެ މީހަކަށް ވާންޖެހެއެވެ.