ސްޓިމިޔުލަސް ލޯނަށް އެދުމުގެ ފުރުސަތު އެސްޑީއެފްސީން ހުޅުވާލައިފި
5 ޖުލައި 2021 - 7:26
އެސްޑީއެފްސީ މެދުވެރިކޮށް ސަރުކާރުން ދޫކުރާ ސްޓިމިޔުލަސް ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ސްޓިމިޔުލަސް ލޯނު ސްކީމަކީ ކޮވިޑް-19ގެ ސަބަބުން ވިޔަފާރިތަކަށް ލިބުނު ގެއްލުމުން އަރައިގަތުމަށް އެހީވުމުގެ ގޮތުން އެސްޑީއެފްސީ އާއި ބީއެމްއެލް މެދުވެރިކޮށް ސަރުކާރުން ތައާރަފު ކުރި ލޯނު ސްކީމެކެވެ. މި ލޯނަކީ ހަ ޕަސެންޓުގެ ކުޑަ އިންޓަރެސްޓް ރޭޓެއްގައި އެއް އަހަރާއި ދެ އަހަރާ ދެމެދުގެ ދުވަހުގެ ގްރޭސް ޕީރިއެޑަކާ އެކު ހަތަރު އަހަރުގެ ތެރޭގައި ދައްކާ ގޮތަށް ދޫކުރާ ލޯނެކެވެ.
މި ޕެކޭޖުގެ ދަށުން އެސްޑީއެފްސީން ކޮންމެ ވިޔަފާރިއަކަށް ވެސް އެއް މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާނެ އެވެ. އަދި ފައިސާގެ އިތުރުން ފަންނީ އެހީތެރިކަން ވެސް ވިޔަފާރިތަކަށް ފޯރުކޮށްދޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
ލޯނު ދޫކުރުމުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ތެރެއިން ކޮވިޑް-19ގެ ސަބަބުން އެންމެ ބޮޑަށް އަސަރު ކުރި ވިޔަފާރިތަކަށް އިސްކަން ދޭނެ އެވެ. މީގެ ތެރޭގައި ކެފޭތަކާއި ރެސްޓޯރެންޓުތަކާއި ޖިމް އަދި ސެލޫން ފަދަ ވިޔަފާރިތައް ހިމެނެ އެވެ.
އެސްޑީއެފްސީން ލޯނަށް އެދެން ބޭނުންވާ ފަރާތްތަކުން އެ ކުންފުނީގެ ވެބްސައިޓުުގައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅޭނެ އެވެ.
ބީއެމްއެލް މެދުވެރިކޮށް ސްޓިމިޔުލަސް ލޯނަށް އެދުމުގެ ފުރުސަތު މިދިޔަ މަހުގެ ތެރޭގައި ވަނީ ހުޅުވާލައިފަ އެވެ. އެ ބޭންކުން ލޯނަށް އެދޭ ވިޔަފާރިތަކަށް 10 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ލިބޭނެ އެވެ.
ސްޓިމިޔުލަސް ޕެކޭޖުގެ ދަށުން ދޫކުރާ ލޯނުތަކަކީ ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް (އީއައިބީ) އިން ދޭ 20 މިލިއަން ޔޫރޯ (375 މިލިއަން ރުފިޔާ)ގެ ފެސިލިޓީގެ ދަށުން ދޫކުރާ ލޯނުތަކެކެވެ. މިދިޔަ އަހަރު ވެސް އެ ބޭންކުން ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީވުމަށް ރާއްޖެ އަށް 20 މިލިއަން ޔޫރޯގެ ފެސިލިޓީއެއް ދީފަ އެވެ.