ފުވައްމުލަކު ސިޓީގެ 2 ސްކޫލެއްގެ މަސައްކަތް ބަޔަކާއި ހަވާލުކޮށްފި

30 ޖޫން 2021 - 15:20

ފުވައްމުލަކު ސިޓީގެ 2 ސްކޫލެއްގައި ކުރަންހުރި ބައެއް މަސައްކަތްތައް އަމިއްލަ ކުންފުންޏަކާ ޙަވާލުކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ޚާއްސަ ރަސްމިއްޔަތެއްގައި ފުވައްމުލަކު ސިޓީގެ މުޙައްމަދު ޖަމާލުއްދީން ސްކޫލްގައި 16 ކްލާސްރޫމާއި ކޮމްޕިއުޓަރ ލެބްގެ އިމާރާތުގެ މަސައްކަތާއި، ފުވައްމުލަކު ސްކޫލްގެ މަލްޓި ޕަރޕަސް ހޯލް ޢިމާރާތުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ އިނޯކާ ޕްރައިވެޓް ލިމިޓެޑާއެވެ.

މި ދެ މަޝްރޫޢަކީވެސް މިއަހަރުގެ ޕީ.އެސް.އައި.ޕީގެ ތެރެއިން ކުރިއަށްގެންދާ ދެ މަޝްރޫޢެއްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެފައިވެއެވެ. އެގޮތުން މުޙައްމަދު ޖަމާލުއްދީން ސްކޫލްގައި 16 ކްލާސްރޫމް އަދި ކޮމްޕިއުޓަރ ލެބް އިމާރާތުގެ މަސައްކަތަށް 12 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އަދި މި މަސައްކަތް ކުރުމަށް އެކުންފުންޏާއި ޙަވާލުކޮށްފައިވަނީ އެއް އަހަރު ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާގޮތަށެވެ.

ފުވައްމުލަކު ސްކޫލްގެ މަލްޓި ޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތަށް 8.2 މިލިއަން ޚަރަދުވާއިރު، މި މަސައްކަތް ނިންމުމަށް އެކުންފުންޏާއި ޙަވާލުކޮށްފައިވަނީ 330 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.