ހުޅުމާލޭ 2 ވަނަ ފިޔަވަހީގައި އިތުރު ސުކޫލެއް އިމާރާތްކުރަނީ

29 ޖޫން 2021 - 5:09

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިތުރު ސްކޫލެއް ޢިމާރާތް ކުރުން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޗަން ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްފިއެވެ. ޑިޒައިން ކުރުމާއެކު މި މަސައްކަތް ކުރުމަށް ރަޝީދު ކާޕެންޓްރީއާ ހަވާލުކޮށްފައިވަނީ ކޮންޓްރެކްޓަރ ފައިނޭންސްގެ އުޞޫލުންނެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ރިޔާޒާއި ރަޝީދު ކާޕެންޓްރީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ރަޝީދެވެ.

މި މަސައްކަތް ނިންމަން ޖެހެނީ 18 މަސްދުވަހުގެ ތެރޭގައެވެ. ދުއިސައްތަ ސާޅީސް ތިން މިލިޔަނަށްވުރެ ގިނަ ރުފިޔާ މިމަޝްރޫޢަށް ޚަރަދުވެއެވެ. އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މި މަސައްކަތަކީ ކޮންޓްރެކްޓަރ ފައިނޭންސްގެ އުސޫލުން 5 އަހަރަށް ބަހާލައިގެން ރިފައިނޭންސް ކުރާގޮތަށް ހަވާލުކުރާ މަޝްރޫޢުއެއް ކަމަށެވެ. އެހެންކަމަން 2022ވަނަ އަހަރުގެ ޑިސެމްބަރު ގައި މިމަސައްކަތް ނިންމާލެވޭނެކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.
މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައިވެސް ވަނީ ހުޅުމާލެ ދެވަން ފިޔވަހީގައި ސްކޫލެއް ހަދަން ބަޔަކާ ހަވާލުކޮށްފައެވެ. ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީނުގެ ހަނދާނުގެ މައްޗަށް ބިނާކޮށް “ޞަލާޙުއްދީން ސްކޫލު”ގެ ނަމުގައި ހަދާ މިސްކޫލް ހަދަން ޙަވާލުކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މީގެކުރިން ވިދާޅުވެފައިވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ 4 ސްކޫލް ކަމަށެވެ. މީގެތެރެއިން 3 ސްކޫލަކީ ކޮންޓްރެކްޓަރ ފައިނޭންސް، ޑިޒައިން އެންޑް ބިލްޑް އުސޫލުން ހަދާ ސްކޫލްތަކެވެ.