ރ. އަނގޮޅިތީމު ބަނދަރުގެ އެއްގަމުތޮށީގެ މަސައްކަތް ނިންމައި، ޕޭވްމަންޓް ހަދަން ފަށަނީ

28 ޖޫން 2021 - 12:54

ރ. އަނގޮޅިތީމު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމުގެ މަސައްކަތް ނިންމާލައިފި އެވެ.

ޕްލޭނިން މިނިސްޓްރީގެ ފަރާތުން އޮކްޓޯބަރު 2020 ގައި އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫއުއަކީ 40.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އެމްޓީސީސީން ބުނީ، އެ މަޝްރޫއުގެ ދަށުން ބަނދަރުގެ އެއްގަމުތޮށި ލުމުގެ މަސައްކަތް މިދިޔަ ބުރާސްފަތި ދުވަހު ނިންމާލާފައިވާ ކަމަށެވެ. އަދި ޕޭވްމަންޓް ހެދުމުގެ މަސައްކަތް މި ހަފުތާ ތެރޭ ފެށުމަށް ހަމަޖެހިފައިވާ ކަމަށް ބުންޏެވެ.

މި މަޝްރޫއުގެ ދަށުން 42,615 އަކަ މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 221 މީޓަރުގެ ބޭރުތޮއްޓަކާއި 91 މީޓަރުގެ އެއްގަމު ތޮއްޓެއް ލާނެ އެވެ. އަދި 166 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި 1110 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓް ހަދައި މަގުބައްތި އާއި ނެރުބައްތި ހަރުކުރާނެ އެވެ.