25 ރަށެއްގައި އައުޓްޑޯރ ވޮލީކޯޓު އަޅަން ހުށައެޅުމުގެ މުއްދަތު އިތުރުކޮށްފި

27 ޖޫން 2021 - 18:12

25 ރަށެއްގައި އައުޓްޑޯރ ވޮލީކޯޓް އެޅުމަށް ހުށައެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ. މިނިސްޓްރީ އޮފް ޔޫތް ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓް އިން ވިދާޅުވީ، 25 ރަށެއްގައި އައުޓްޑޯރ ވޮލީކޯޓް ތައްޔާރު ކޮށްދޭނޭ ފަރާތެއް ހޯދަން ކުރި އިޢުލާން އާ ގުޅިގެން އަންދާސީ ހިސާބު ހުށަހެޅުމަށް ދެވިފައިވާ މުއްދަތު ކުރުވުމުގެ ސަބަބުން ގިނަ ފަރާތްތަކަކަށް އަންދާސީ ހިސާބުގައި ބައިވެރި ވުމުގެ ފުރުޞަތު ގެއްލިފައިވާކަމަށެވެ. އެހެންކަމުން މިކަމުގެ ޝަކުވާތައް އެ މިނިސްޓްރީއަށް ލިބިފައިވާތީ، ކުރިން ކުރެވުނު އިޢުލާން ބާތިލުކޮށް މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އަލުން އިޢުލާން ކޮށްފައިވާކަމަށެވެ.

އެހެންކަމުން އިތުރު މުއްދަތާއިއެކު އައުޓްޑޯރ ވޮލީކޯޓު އެޅުމުގެ ފުރުސަތު މިހާރު ޔޫތް މިނިސްޓްރީ ވަނީ ހުޅުވާލާފައެވެ. އަންދާސީ ހިސާބު ހުށައެޅުމުގެ އެންމެ ފަހު ތާރީހަކީ އަންނަ ޖުލައި މަހުގެ 6 ވަނަ ދުވަހެވެ.

މަސައްކަތް ހަވާލުކުރާނެ ފަރާތެއް ހޮވުމުގައި ބަލާނެ ކަންކަމުގެ ތެރޭގައި ހުށައަޅާ އަގަށް %50 މާކްސްއާއި ހުށައަޅާފައިވާ މުއްދަތައް %20 މާކްސް އަދި ތަޖުރިބާއަށް %30 މާކްސް ލިބޭނެކަމަށް ޔޫތް މިނިސްޓްރީން ވިދާޅުވެއެވެ.