7 ރަށެއްގައި ރިސޯޓު ތަރައްގީކުރުމަށް 9 ފަރާތަކުން ބީލަން ހުށަހަޅައިފި

26 ޖޫން 2021 - 8:16

ރިސޯޓު ތަރައްޤީކުރަން ހުޅުވާލި ރަށްތަކުގެތެރެއިން 7 ރަށަކަށް 9 ފަރާތަކުން ބީލަން ހުށަހަޅައިފިއެވެ. ޖުމުލަ 7 އަތޮޅެއްގެ 16 ރަށެއްގައި ފަތުރުވެރިކަން ތަރައްޤީކުރަން ޓޫރިޒަމް މިނިސްޓްރީން ބީލަމަށް ހުޅުވާލީ މިދިޔަ އޭޕްރީލްމަހުގެ ކުރީކޮޅުއެވެ.

އެމިނިސްޓްރީން ވިދާޅުވީ ބީލަން ހުށަހެޅުމުގެ ސުންގަނޑި ހަމަވިއިރު 18 ބީލަންފޮތް ގަނެފައިވާ ކަމަށެވެ. އަދި 9 ފަރާތުން 7 ރަށަކަށް 13 ބީލަން ހުށަހެޅާފައިވާކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.

ބީލަން ހުށަހަޅާފައިވާ 7 ރަށަކީ

  • ހއ.ވެލިފިނޮޅު
  • މ.ސީދީހުރާ އާއި އެކު ސީދީހުރާ ވެލިގަނޑު
  • ތ.ކާއްޑޫ
  • ތ.އޮޅުފުށި އަދި އޮޅުފުށި ފިނޮޅު
  • ލ.ބޮޑުމުންޏަފުށި
  • ގއ.ފުނަދޫވިލިގިއްޔާ
  • ގދ.ކަނޑަހަލަގަލަ

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ ހުށަހަޅި ޕްރޮޕޯޒަލްތަކުގެތެރެއިން، އެންމެ މަތިން ހުށަހަޅާފައިވާ ލީޒް އެކުއިޒިޝަން އަގުގެ ފަރަގު އެންމެކުޑަ ލީޒް އެކުއިޒިޝަން ކޮސްޓްގެ %140އަށްވުރެ އިތުރު ކަމަށެވެ.

ބިޑް ހުށަހެޅުމުގެ މަރުހަލާ ނިމިފައިވާއިރު، ދެން ކުރިއަށް ގެންދާނީ ބީލަން އިވެލުއޭޓްކުރުމުގެ މަރުހަލާއެވެ. އެ މަސައްކަތް ކުރިއަށް އޮތް 3 ހަފްތާތެރޭގައި ނިންމާލެވޭނެކަމަށް ޓޫރިޒަމް މިނިސްޓްރީން ލަފާކުރައްވަައެވެ.

ރިސޯޓް ތަރައްޤީކުރުމަށް ހުޅުވާލި 16 ރަށުގެ ތެރެއިން ހަތް ރަށަކަށް ބީލަން ހުށަހަޅާފައިވާއިރު، ބާކީ ހުރި ރަށްތަކާމެދު އަމަލު ކުރާނެ ގޮތެއް ނިންމުމަށް އެސެސްމަންޓެއް ހެދުމަށް އެމިނިސްޓްރީންވަނީ ނިންމާފައެވެ. އަދި އެއަށްފަހު އެރަށްތަށް އަލުން ބިޑަށް ލުމާމެދު އެމިނިސްޓްރީން ގޮތެއް ނިންމާނެއެވެ.

ސަރުކާރުން ރިސޯޓު ތަރައްޤީކުރުމަށް ހުޅުވާލައިވާ ރަށްތަކަކީ މުޅިން އަލަށް ރިސޯޓު ތަރައްޤީކުރުމަށް ހުޅުވާލާނެކަމަށް 2019ވަނަ އަހަރު އިއުލާން ކޮށްފައިވާ 29 ރަށުގެ ތެރޭގައި ހިމެނޭ ރަށްތަކެކެވެ. ސަރުކާރުން ވިދާޅުފައިވާ ގޮތުގައި މިރަށްތައް ތަރައްޤީކޮށް ނިމޭއިރު 13،720 އެނދު ޤާއިމު ކުރެވޭނެއެވެ. އަދި މިއީ ރާއްޖޭގެ ފަރުތުވެރިކަމުގައި 35،000 އެނދު އަލަށް ތަރައްޤީ ކުރެއްވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ވެވަޑައިގެންނެވި ވަޢުދުގެ ތެރޭގައި ހިމެނޭ އެނދުތައްކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.