ސަރުކާރުން ތަޢާރަފްކުރި ކޯވިޑް ރިލީފް ލޯން ސްކީމަކީ ރާއްޖޭގެ ތާރީޚުގައިވެސް އެންމެ އިންޓްރެސްޓް ރޭޓު ކުޑަކޮށް ދޫކޮށްފައިވާ ލޯން ސްކީމް: ފިނޭންސް މިނިސްޓަރ

24 ޖޫން 2021 - 7:57

ކޯވިޑްގެ ސަބަބުން މިހާރު ޢާއްމުންނަށާއި ވިޔަފާރިތަކަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުމުން އަރައިގަތުމަށް ސަރުކާރުންމިހާރު ތަޢާރަފްކޮށްފައިވާ ލުއި ލޯން ސްކީމަކީ ރާއްޖޭގެ ތާރީޚުގައިވެސް އެންމެ އިންޓްރެސްޓް ރޭޓު ކުޑަކޮށް ދޫކޮށްފައިވާ ލޯން ސްކީމްކަމަށް މިނިސްޓަރ އޮފް ފިނޭންސް އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ކޯވިޑް-19އާ ގުޅިގެން ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށް ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ސަރުކާރުންވަނީ އިތުރު ލުއި ލޯން ސްކީމެއް ތަޢާރަފްކޮށްފައެވެ. މިނިސްޓަރ އޮފް ފިނޭންސް އިބްރާހިމް އަމީރު ވިދާޅުވީ ރައްޔިތުންނަށް މިޙާލަތުން އަރައިގަތުމުގައި އެހީވުމަށް މިފަހަރު ގާތްގަނޑަކަށް 375 މިލިއަން ރުފިޔާގެ ރިލީފް ލޯންތަކެއް ދޫކުރުމަށް ނިންމާފައިވާކަމަށެވެ. އަދި މިލޯންތަކަކީ ރާއްޖޭގެ ތާރީޚުގައިވެސް އެންމެ އިންޓްރެސްޓް ރޭޓުތައް ކުޑަކޮށް ދޫކޮށްފައިވާ ލޯންތައްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މި ލޯންތަކުގެ ގްރޭސް ޕީރިއެޑްއަކީ ގާތްގަނޑަކަސް އެއް އަހަރު ދުވަހަށް ދޭ ލޯނެކެވެ. ފިނޭންސް މިނިސްޓަރ ވިދާޅުވީ މިއީ މިހާރު އެކި ބޭންކުތަކުން ދޫކުރާ ލޯންތަކާ އަޅާބަލާއިރު ކޮސްޓް އޮފް ބޮރޮވިންގ ދަށް ލޯނެއްކަމަށެވެ.

ކޯވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ މާލީ ގެއްލުންތަކުން އަރައިގަތުމަށްޓަކާ ސަރުކާރުން އަންނަނީ ސްޓިމިއުލަސް ޕެކޭޖުތަކާއި އެކި ސްކީމްތަކުގެ ދަށުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން މިހާތަނަށް ރިލީފް ލޯނުގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

ފިނޭންސް މިނިސްޓްރީއިން ވިދާޅުވީ ކޯވިޑްގެ ޙާލަތުން އަރައިގަނެވި 2019 ވަނަ އަހަރު އޮތް އިޤްތިޞާދަށް ވާސިލުވުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިއަހަރު ނިމެންވާއިރަށް ކޯވިޑްގެ ކުރިން އިޤްތިޞާދު އޮތް ހިސާބަށް އަނބުރާ ދެވޭނެކަމަށެވެ. އެގޮތުން މިއަހަރު ނިމޭއިރު އިޤްތިޞާދަށް %18ގެ ކުރިއެރުމެއް އަންނާނެކަމަށް ފިނޭންސް މިނިސްޓްރީން ލަފާކުރެއެވެ.