ރާއްޖޭގެ ހުރިހާ ހޮސްޕިޓަލެއްގައި ކޯވިޑް-19 ވެކްސިން ޖަހަން ފަށައިފި

3 ފެބުރުއަރީ 2021 - 12:04

މިއަދުން ފެށިގެން ރާއްޖޭގެ ހުރިހާ ހޮސްޕިޓަލެއްގައި ވެކްސިން ޖަހަން ފަށާނެކަމަށް ހެލްތް އެމަޖެންސީ އޮޕރޭޝަން .ސެންޓަރުން ހާމަކުރައްވައިފިއެވެ

އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ އަހްމަދު ފައިސަލް ވިދާޅުވީ މަދާމާ ފެށިގެން ރާއްޖޭގެ ހުރިހާ ހޮސްޕިޓަލެއްގައި ވެކްސިން ދޭން ފަށާނެކަމަށެވެ. މީގެއިތުރުން މާލޭ ސަރަހައްދުގައި އުމުރުން 70 އަހަރުން މަތީގެ ހުރިހާ މީހުންނަށް ވެކްސިން ޖެހުމުގެ ފުރުސަތު ހުޅުވާލާނެކަމަށްވެސް ޑރ ފައިސަލް ވިދާޅުވިއެވެ.

ޑރ ފައިސަލް ވިދާޅުވީ މީ ޕެންޑަމިކްގެ ދަނޑިވަޅުކަމުން ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމަންޓް އުސޫލުންކަމަށެވެ. އެގޮތުން ވެކްސިން ޖެހުމަށް ނަންނޯޓްކުރުމަށް ހުޅުވާލި ޕޯޓްގައި ނަންނޯޓު ކުރެއްވި ފަރާތްތަކަށް ގުޅަމުން ގެންދާނެކަމަށް ފައިސަލް ވިދާޅުވިއެވެ.
ދިފާއި ނިޒާމު ފުރިހަމަ ވާނީ ދެ ޑޯޒަށް ފަހުންކަމަށާއި އެހެންކަމުން ވެކްސިންގެ ފުރަތަމަ ޑޯޒަށްފަހުވެސް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށްވެސް ޑޮކްޓަރުން ވަނީ ލަފާދީފައެވެ. ވެކެސިންގެ ދެވަނަ ޑޯޒްދޭނީ ފުރަތަމަ ވެކެސިނަށްފަހު ހަތަރު ހަފްތާ ފަހުންނެވެ.

ރާއްޖޭގައި ކޯވިޑް ވެކްސިން ދިނުމުގެ ޕްރޮގްރާމް ފަށާފައިވަނީ މިމަހުގެ 1 ވަނަ ދުވަހުއެވެ. ރާއްޖޭގައި ކޯވިޑް ވެކްސިން ދޭން ފެށި ފުރަތަމަ 2 ދުވަހު ވަނީ 880 މީހުންނަށް ވެކްސިން ދީފައެވެ. މީގެތެރޭގައި މާލެ ސަރަހައްދުން ވެކްސިން ޖެހި މީހުންގެ އަދަދަކީ 666 ކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ.