ހިޔާ ކޮމާޝިއަލް ޔުނިޓްތަކަށް ޕްރޮޕޯސަލް ހުށައެޅުމަށް ހުޅުވާލައިފި

23 ޖޫން 2021 - 5:31

ހިޔާ ފްލެޓްގެ ކޮމާޝިއަލް ޔުނިޓްތަކަށް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ހުޅުވާލައިފިއެވެ. އެޗްޑީސީން ބުނީ ހިޔާ ފްލެޓްގެ ކޮމާޝަލް ޔުނިތްތަކަށް ޕްރޮޕޯސަލް ހުށައެޅުމަށް 2 ވަނަ ބުރަށް ހުޅުވާލާފައިވާކަމަށެވެ.

ހުޅުމާލޭ 2 ވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފުލެޓުން ކޮމާޝަލް ޔުނިޓް ދޫކުރަނީ ކެއިންބުއިމަށް ބޭނުންކުރާ ތަކެތި ވިއްކުމަށާއި، ކެފޭ، ކްލިނިކް ފާމަސީ، ބޯކޮށާ ތަންތަން، ސެލޫން، ބުކްޝޮޕް، ޑޭކެއަރ، ރީޓެއިލް ސްޓޯރ އަދި އެސްއެމްއީތައް ހިންގުމަށް ޖާގަ ދިނުމަށް ހަމަޖެހިފައިވާކަމަށް އެޗްޑީސީން ބުނެއެވެ.

މިތަންތަން ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކުން އޮގަސްޓް މަހުގެ ކުރިން ޕްރޮފޯސަލް ހުށައެޅުމަށް އެޗްޑީސީން ވަނީ އެދިފައެވެ. މިތަންތަން ދޫކުރާނީ ޕްރޮފޯސަލް ހުށައަޅާއިރު އެންމެ ދަށް އަދަދު ކަނޑައަޅާ ފަރާތްތަކަށްކަމަށް އެޗްޑީސީން ބުނެއެވެ.

ހިޔާ ފްލެޓުން ކުދި ފަންތިއާއި މެދުފަންތީގެ ވިޔަފާރިތަކަށް ދޫކުރާ ކޮމާޝަލް ޔުނިޓްތަކަށް އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށް ހުށައެޅޭނެއެވެ.

ހިޔާ މަޝްރޫޢުގެ ދަށުން 7000ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ފެށީ 2017ވަނަ އަހަރުއެވެ. ނިމުނު 2020ވަނަ އަހަރުގެ މެދު ތެރޭގައި ނިންމާ ހަވާލުކުރުމަށް ކޮންޓްރެކްޓް ކުރިނަމަވެސް، މިހާތަނަށްވެސް ފްލެޓްތަކުގެ މަސައްކަތް ނިމިފައެއް ނުވެއެވެ. ސަރުކާރުން މިހާރު ލަފާކުރަނީ އަންނަ މަހުގެ ފަހުކޮޅު ހިޔާ ހައުސިން ޔުނިޓްތައް ހަވާލުކުރެވޭނެކަމަށެވެ.