އެމްއެމްޕީއާރްސީން ސްވިސް މާކެޓުގައި ރާއްޖެ ޕްރޮމޯޓު ކުރުމަށް ޤަތަރު އެއަރވޭސްއާއެކު ވެބިނާއެއް ބާއްވައިފި

21 ޖޫން 2021 - 9:01

ސްވިސް މާކެޓަށް އަމާޒުކޮށް ޤަތަރު އެއަރވޭސްއާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓު ކުރުމަށް އެމްއެމްޕީއާރްސީން ވެބިނާއެއް ބާއްވައިފިއެވެ.

ޤަތަރު އެއަރވޭސްއާއި ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި މިވެބިނަރ ސީރީސްގައި، 50 ޓްރެވެލް އޭޖެންޓުން ބައިވެރިވެފައިވާ ކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ. އެމްއެމްޕީއާރްސީން އިންތިޒާމު ކޮށްގެން ބޭއްވި މިވެބިނާގައި ކޯވިޑާއި ގުޅިގެން ރާއްޖެއިން އަޅާފައިވާ ހަރުދަނާ ފިޔަވަޅުތައް ވަނީ ކިޔައި ދީފައެވެ. މީގެ އިތުރުން މިދަނޑިވަޅުގައި ރާއްޖެ ދަތުރު ކުރާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންކަން ބައިވެރިންނަށް ވަނީ ކިޔައި ދީފައެވެ.

މީގެ އިތުރުންވެސް ޤަތަރު އެއަރވޭސްއިން ސްވިޓްޒަލޭންޑްގެ ޒިއުރިކް އާއި ރާއްޖެ އާއި ދެމެދު ބާއްވާ ކަނެކްޝަން ފްލައިޓު ތަކުގެ މައުލޫމާތާއި، އެއަރލައިނާ ބެހޭ އިތުރު މައުލޫމާތު ވެސް މިވެބިނަރގައި ވަނީ ފޯރުކޮށްދީފައެވެ.

ސްވިސް މާކެޓަކީ ރާއްޖޭގެ ފަތުރުވެރިކަން ކޯވިޑް-19 އިގެ ކުރިން އޮތް ހާލަތައް އިޔާދަ ކުރުމަށް މުހިންމު މާކެޓެއް ކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ. މިވެބިނާގެ ބައިވެރިން ވަނީ ވެބިނާގެ ސުވާލާއި ޖަވާބު ސެޝަންގައި ރާއްޖެ އައުމަށް ޕީސީއާރް ޓެސްޓު އޮންނަ ގޮތާއި، އަދި މިވަގުތު ރާއްޖޭގައި ކުރިއަށްދާ ވެކްސިނޭޝަން ޕްރޮގްރާމާއި ގުޅޭ ގޮތުން މައުލޫމާތު ސާފު ކޮށްފައެވެ.

ވެބިނާ ނިންމާލުމަށް ބައިވެރިންގެ މެދުގައި ނެގި ގުރުއަތުން ހޮވުނު ފަރާތަށް ކޯރާ މޯލްޑިވްސް އިން 5 ދުވަހުގެ ޗުއްޓީއެއް ވަނީ ހަދިޔާ ކޮށްފައެވެ.

ސްވިސް މާކެޓުން މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް 5180 ފަތުރުވެރިން ރާއްޖެއަށް ވަނީ ޒިޔާރަތް ކޮށްފައެވެ. އެމްއެމްޕީއާރްސީން ހާމަކުރި ގޮތުގައި، މި ވެބިނާ ބޭއްވީ މީގެ ކުރިން، ޖަރުމަންވިލާތާއި އޮސްޓްރިއާ އާއި ސްވިޓްޒަލޭންޑަށް އަމާޒުކޮށްގެން އެމްއެމްޕީއާރްސީން ބޭއްވި ވެބިނަރއަށް ލިބުނު ތަރުހީބު ބޮޑު ކަމުންނެވެ.