އަންނަ އަހަރުން ފެށިގެން ތައްޔާރުކުރާނީ ޕްރޮގްރާމްތަކަށް ބަހާލާފައިވާ ބަޖެޓެއް: މިނިސްޓަރ އަމީރު

20 ޖޫން 2021 - 8:47

އަންނަ އަހަރުން ފެށިގެން ތައްޔާރުކުރުމަށް ހަމަޖެހިފައިވަނީ ޕްރޮގްރާމްތަކަކަށް ބަހާލެވިފައިވާ ބަޖެޓެއްކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

2022 ވަނަ އަހަރުން 2024 ވަނަ އަހަރަށް ލަފާކުރާ ބޭސްލައިން ބަޖެޓް ތައްޔާރުކުރުމާއި ގުޅޭގޮތުން ދައުލަތުގެ އޮފީސްތަކަށް އަމީރު ސޮއިކުރައްވައި ފޮނުއްވެވި ސާކިއުލާގައި ވިދާޅުވީ މާލިއްޔަތުގެ ޤާނޫނުގެ ދަށުން ދައުލަތުގެ އަހަރީ ބަޖެޓު ތައްޔާރުކޮށް، ބަޖެޓު އެކުލަވާލެވޭ މާލީ އަހަރު ފެށުމުގެ ދެ މަސް ދުވަސް ކުރިން މިނިސްޓަރ އޮފް ފިނޭންސް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހޭކަމަށެވެ.

މިގޮތުން 2022 އިން 2024 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ގޮތާއި، ބަޖެޓު އެކުލަވާލުވުމުގެ ފުރަތަމަ މަރުހަލާގެ ދަށުން ދައުލަތުގެ އޮފީސްތަކުން އަލަށް ފެށުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަކާއި މަޝްރޫޢުތައް އެކުލަވާލައި، މި އަހަރުގެ ބަޖެޓު ޕްރޮސެސްއާ ގުޅޭ މައުލޫމާތުތައް ދައުލަތުގެ އެންމެހާ އޮފީސްތަކަށް ހިއްސާކުރެވިފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ.

އަދި ބަޖެޓު ތައްޔާރުކުރުމުގެ ދެވަނަ މަރުހަލާއަކީ ބޭސްލައިން ބަޖެޓު ތައްޔާރުކުރުމުގެ މަރުހަލާކަމަށާއި، ބޭސްލައިން ބަޖެޓަކީ އޮފީސްތަކުން މިހާރު ކުރިޔަށް ގެންދާ ނުވަތަ ހިނގަމުންދާ ހަރަކާތްތަކާއި މަޝްރޫޢުތަކަށް ހިނގާނެކަމަށް ލަފާކުރެވޭ ޚަރަދުތަކުގެ މައްޗަށް އެކުލަވާލެވޭ ބަޖެޓެއްކަމަށް މިނިސްޓަރު ވިދާޅުވެއެވެ. މީގެ ތެރޭގައި އަލަށް ފެށުމަށް ރާވާ ހަރަކާތްތަކާއި އައު މަޝްރޫޢުތައް ނުވަތަ އިތުރަށް ނަގަން ގަސްތުކުރާ މުވައްޒަފުންނަށް ބޭނުންވާ ބަޖެޓު ނުހިމެނޭނެއެވެ.

އޮފީސްތަކުގެ ބޭސްލައިން ބަޖެޓު ތައްޔާރުކުރަން ވާނީ މިނިސްޓްރީން ކަނޑައަޅާފައިވާ ބަޖެޓު ސީލިންގއަށްވުރެ ބޮޑު ނުވާނޭހެން އަދި ބަޖެޓުގެ އަމާޒުތައް ހާސިލުކުރެވޭނެ ގޮތަށް ހަރަކާތްތައް ރާވައިގެން ކަމަށްވެސް ވިދާޅުވެފައެވެ.

އަދި ބަޖެޓު ތައްޔާރުކުރުމާއި ތަންފީޒުކުރުން ހަރުދަނާކުރުމުގެ ގޮތުން އަންނަ އަހަރުގެ ބަޖެޓުން ފެށިގެން ތައްޔާރުކުރުމަށް ހަމަޖެހިފައިވަނީ ޕްރޮގްރާމްތަކަށް ބަހާފައިވާ ބަޖެޓެއް ކަމަށްވެސް އަމީރު ވިދާޅުވިއެވެ. މިގޮތުން ޕްރޮގްރާމްތަކުގެ އޮނިގަނޑު އޮފީސްތަކާ މަޝްވަރާކުރެވި މިހާރު ދަނީ ތައްޔާރުކޮށް ފައިނަލް ކުރެވެމުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން ނިއު ޕޮލިސީ އިނިޝިއޭޓިވްސްގެ ބަޖެޓު އަދި ބޭސްލައިން ބަޖެޓު ތައްޔާރުކުރަންވާނީ މި ޕްރޮގްރާމް އޮނިގަނޑުގެ ތެރެއަށް ފައްތައިގެންކަމަށާއި މި ޕްރޮގްރާމް އޮނިގަނޑުގައި ހިމެނޭ ޕްރޮގްރާމްތައް ހާސިލު ކުރެވޭ މިންވަރު އަންގައިދޭ ޕަރފޯމަންސް އިންޑިކޭޓަރުތައް ވެސް މި އަހަރުގެ ތެރޭގައި އޮފީސްތަކުގެ މަޝްވަރާއާއެކު އެކުލަވާލެވޭނެކަމަށް އަމީީރު ވިދާޅުވިއެވެ.

އެހެންކަމުން ދައުލަތުގެ އެންމެހައި އޮފީސްތަކުން، ފިނޭންސް މިނިސްޓްރީގެ ސަރކިއުލަރގައި ހިމެނޭ އިރުޝާދުތަކާއި އަމާޒުތަކާއި އެއްގޮތްވާ ގޮތުގެމަތީން، ސަރުކާރުން އިސްކަންދެއްވާ މުހިއްމު ލަނޑުދަނޑިތައް ހާސިލުކުރުމަށް، 2022 އިން 2024 އަށް ލަފާކުރާ މެދުރާސްތާ ބަޖެޓުގައި ހިމެނުމަށް ހުށަހަޅުއްވާ ބޭސްލައިން ބަޖެޓު އަންނަ އޮގަސްޓު މަހުގެ 12 ގެ ކުރިން މިނިސްޓްރީއަށް ހުށަހެޅުއްވުމަށް ވަނީ އަންގާފައެވެ.

އަދި ސުންގަޑިއަށް ބަޖެޓު ނުފޮނުއްވާ އޮފީސްތަކުގެ ބަޖެޓުތައް ތައްޔާރުކުރުމުގެ އިހުތިޔާރު އެ މިނިސްޓްރީ އަށް ލިބިގެންވާ ކަމަށް އެ ސާކިއުލާގައި ބުނެފައިވެއެވެ.