އިކޮނޮމިކް ސްޓިމިއުލަސް ލޯނު ތައާރަފްކޮށްފި

17 ޖޫން 2021 - 14:56

ކޯވިޑްއާއި ގުޅިގެން ރާއްޖޭގެ އިގުތިސޯދަށް ކުރަމުންދާ ނޭދެވޭ އަސަރުގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ދެމެހެއްޓުމަށް އެހީތެރިވުމުގެ ގޮތުން ފިނޭންސް މިނިސްޓްރީން ލޯނު ސްކީމެއް އެކުލަވާލައިފި އެވެ.

މިއީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ސަރުކާރުން އިއުލާނުކުރި ސްޓިމިއުލަސް ޕެކޭޖުގެ ދަށުން ތައާރަފްކުރާ ލޯން ސްކީމެކެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނީ، އިކޮނޮމިކް ސްޓިމިއުލަސް ލޯނު މެދުވެރިކޮށް ދިހަ މިލިއަން ރުފިޔާ އާ ހަމައަށް ފައިނޭންސަށް އެދި ހުށަހެޅޭނެ ކަމަށާއި މިއީ 6 ޕަސެންޓް ކުޑަ އިންޓްރެސްޓެއްގައި ދޫކުރާ ލޯނެއް ކަމަށެވެ.

ރަހުނަކާ ނުލާ ދޫކުރުމަށް ހަމަޖައްސާފައިވާ މި ލޯނަށް އަނބުރާ ފައިސާ ދެއްކުމަށް ހަތަރު އަހަރުގެ މުއްދަތެއް ލިބޭނެ އެވެ.

ބީއެމްއެލް އިން ބުނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން އެ ލޯނަށް އެދި ހުށަހަޅާ ފޯމު ބަލައިގަންނާނެ ކަމަށާާއި މި ލޯނާ ގުޅޭ އިތުރު މައުލޫމާތާއި ލޯނަށް އެދި ހުށަހެޅުމަށް ހަމަޖައްސާފައިވާ ގޮތުގެ ތަފްސީލް ބޭންކުގެ ވެބްސައިޓުން ލިބޭނެ ކަމަށެވެ.