ސްޓެލްކޯގެ “ގްރީން ލައިފް” ޕްރޮގްރާމްގެ ދަށުން 59.4 ކިލޯ ވޯޓުގެ ސޯލާ ޕެނަލް ހަރުކުރަނީ

17 ޖޫން 2021 - 11:48

ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ، ސްޓެލްކޯގެ ގްރީން ލައިފް އިނިޝިއޭޓިވްގެ ދަށުން 59.4 ކިލޯ ވޯޓުގެ ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެ ކުންފުނިން ބުނެފިއެވެ.

ސޯލާ ޕެނަލްއަކީ އަވިން ހަކަތަ އުފައްދައިދޭ ނިޒާމެކެވެ. ސްޓެލްކޯއިން ބުނީ ކުރިއަށްއޮތް ތަނުގައި އިންސްޓޯލްމަންޓް އުސޫލުން ހެޔޮ އަގެއްގައި ސޯލާ ޕެނަލް ލިބޭނެ އިންތިޒާމްވެސް ހަމަޖައްސައިދޭނެކަމަށެވެ.

ސޯލާ ޕެނަލްއަކީ ތިމާވެއްޓާއި ރަހުމަތްތެރިގޮތެއްގައި ކަރަންޓު އުފެއްދުމަށް އެހީތެރިވެދޭ ނިޒާމެކެވެ. މި ނިޒާމުގެ ސަބަބުން ތެޔޮ އަންދައިގެން ތިމާވެއްޓަށް ލިބޭ ގެއްލުމުންވެސް ދުރުކޮށްދެއެވެ.

ސްޓެލްކޯއިން ކުރިއަށްގެންދާ “ގްރީން އިނީޝިއޭޓިވް” ޕްރޮގްރާމްގެ ދަށުން އެކުންފުނިން ސޯލާ ޕެނަލްތައް ވަނީ ވިއްކަން ފަށާފައެވެ. އަދި މިމަޝްރޫއުގެ ފުރަތަމަ ބުރުގެ ދަށުން ސޯލާ ޕެނަލްތައް ހަރުކޮށް ކާމިޔާބުކަމާއެކު ކަސްޓަމަރުން ބޭނުންކުރަން ފަށާފައިވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ.

ސްޓެލްކޯއިން ސޯލާޕެނަލް ވިއްކައިގެން ކުރިއަށްގެންދާ މި ޕްރޮޖެކްޓަކީ އާއްމުން ތިމާވެއްޓާއި ރައްޓެހި ގޮތްތަކަށް ހޭލުންތެރިކުރުމަށް ކުރިއަށްގެންދާ ޕްރޮގެރާމެކެވެ. ސްޓެލްކޯއިންވަނީ އެ ކުންފުނީގެ ހުރިހާ ކަސްޓަމަރުންނަށްވެސް މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައެވެ.