މާލޭ ސިޓީގެ ބައެއް ސަރަހައްދުތަކުގެ ރީޑިވެލޮޕް ޕްލޭން ދައްކާލައިފި

17 ޖޫން 2021 - 10:45

މާލޭ ސިޓީގެ ބައެއް ސަރަހައްދުތައް އަލުން ތަރައްގީ ކުރުމަށް ސަރުކާރުން ގެންގުޅޭ ޕްލޭން ދައްކާލައިފި އެވެ. އަލުން ތަރައްޤީކުރާ ސަރަހައްދުތަކުގެ ތެރޭގައި އެމްޕީއެލް އާއި މާރުކޭޓު ސަރަހައްދުގެ އިތުރުން މާލޭގެ އެހެން ބައެއް ސަރަހައްދުތައްވެސް ހިމެނެއެވެ.

މި ޕްލޭން ދައްކާލާފައިވަނީ މާލޭ ސިޓީގެ ލޭންޑް ޔޫސް ޕްލޭނަށް އާންމުންގެ ހިޔާލު ހޯދުމަށް ބޭއްވި ބައްދަލުވުމުގަ އެވެ. ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމުގެ ކުރިން ރައްޔިތުންގެ ހިޔާލު ހޯދަން ބައްދަލުވުމެއް ބޭއްވުމަކީ ގާނޫނުން ސިޓީ ކައުންސިލަށް މަތިކޮށްފައިވާ ކަމެކެވެ.

ޕްލޭނިން މިނިސްޓްރީން ދައްކާލި ޕްރެޒެންޓޭޝަނުގައިވާ ގޮތުން ގުޅީފަޅުގައި ޕޯޓު އެޅުމުން މިހާރު މާލޭގެ އެމްޕީއެލް އާއި މާރުކޭޓު ސަރަހައްދަށް ބޮޑެތި ބަދަލުތަކެއް ގެންނައުމުގެ ވިސްނުން އޮތްކަމަށް ވަނީ ބުނެފައެވެ. ޕްލޭނިންއިން ދައްކާލި ކޮންސެޕްޓުގައިވާ ގޮތުން އެ ސަރަހައްދު ތަރައްގީ ކުރާނީ އާންމުން ހިތްފަސޭހަކޮށްލަން ދެވޭ، ފެހި ތަނެއްގެ ގޮތުގަ އެވެ.

މަސް މާރުކޭޓު ބަދަލު ކުރާނީ ވަޅޯމަސް މާރުކޭޓު ހުރި ތަނަށެވެ. އެތަން ވެސް ޒަމާނީ ފެންވަރަށް ތަރައްގީ ކުރަން ވިސްނާފައިވާކަމަށް ވަނީ ބުނެފައެވެ. އަދި އާ ޒަމާނީ ފެންވަރުގެ ލޯކަލް މާރުކޭޓު ބަދަލު ކުރާނީ ވެސްޓް ޕާކު ކައިރި އަށެވެ.

މިހާރު ޕޯޓު ހުރިތަން މުނިފޫހިފިލުވުމުގެ ސަރަހައްދަކަށް ހަދަން އެތަނުގައި ވޯޓާ ޕާކަކާއި ސިނަމާ އަޅަން ވިސްނާފައިވެ އެވެ. އޭގެ އިތުރުން އެ ކޮންސެޕްޓުގައިވާ ގޮތުން އެ ސަރަހައްދުގައި ކްރޫޒް ޝިޕް ޓާމިނަލެއްގެ އިތުރުން، މާލޭގެ މައި ފެރީ ޓާމިނަލް ވެސް ގާއިމް ކުރަން ވަނީ ނިންމާފައެވެ.

މާލޭގެ ހުޅަނގު ފަރާތު ރަސްފަންނު ކައިރި ވޯޓާ ފްރަންޓް ސަރަހައްދު އިޖުތިމާއީ އެކި ބޭނުންތަކަށް ފެހި ތަނެއްގެ ގޮތުގައި ތަރައްގީ ކުރާން ވަނީ ހަމަޖައްސާފައެވެ. އެގޮތުން، މާކެޓް ހޯލަކާއި ކޮމިއުނިޓީ ސެންޓަރަކާ އެކު ރަސްފައްނު ތަރައްގީ ކުރަން ނިންމާފައި ވަނީ ގާޑަން ޕްލާޒާއެއްގެ ގޮތުގަ އެވެ.

ވިލިމާލޭ ފެރީ ޓާމިނަލް ހިމޭނޭހެން ޓީ ޖެޓީ ސަރަހައްދު ވެސް ތަރައްގީކުރަން ރާވާފައި ވަނީ ހިތްހަމަޖައްސާލަން ދާ ފަދަ ފެހި ވޯޓާ ފްރަންޓް މާހައުލެއްގެ ގޮތުގަ އެވެ.

އޭގެ އިތުރުން، ރާއްޖޭގެ އަޑާ އިންވެގެން އޮންނަ ދައުލަތުގެ ބިމެއް މީހުން ދިރިއުޅޭ ރެޒިޑެންޝަލް ތަނެއްގެ ގޮތުގައި ތަރައްގީ ކުރަން ރާވާފައިވެ އެވެ.

މާލޭގެ ދެކުނު ފަރާތުގައި ކުޑަކުދިންގެ ބަގީޖާ ހިމެނޭހެން އެ ސަރަހައްދުން ބޮޑު ބިމެއްގައި ނެއިބާހުޑް ޑިވޮލޮޕްމެންޓެއް ހިންގަން ރާވާފައިވެ އެވެ. އެތަނުގައި އޮފީސް އަދި ރެޒިޑެންޝަލް އިމާރާތްތަކާއި ފިހާރަ ތަކާއި ހަމައެކަނި ހިނގާ ބިނގާ އުޅެވޭ މަގުތައް ހުންނާނެ ކަމަށް ޕެލޭނިން މިނިސްޓްރީން ވަނީ ބުނެފައެވެ.