ވިނަރެސް ފްލެޓުތައް އަންނަ މަހު ވިއްކަން ފަށަނީ

16 ޖޫން 2021 - 15:35

"ވިނަރެސް" މަޝްރޫއުގެ ދަށުން އަޅާ ފްލެޓުތައް އަންނަ މަހު ވިއްކަން ފަށާނެ ކަމަށް ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރ ސުހައިލް އަހުމަދު ވިދާޅުވެއްޖެއެވެ.

ސުހައިލް މިހެން ވިދާޅުވީ ހުޅުމާލޭގައި އިމާރާތްކުރާ އެޕޯލޯ ކުންފުނީގެ 1000 ހައުސިން ޔުނިޓްގެ މަޝްރޫއު އިފްތިތާހު ކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ވިނަރެސް ފްލެޓުތަކުގައި ގާތްގަނޑަކަށް 45 އިިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައި ކަމަށް ސުހައިލް ވިދާޅުވިއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވިނަރެސް ފްލެޓުތަކުގެ 10 ޓަވަރު އަޅަން ވަނީ ނިންމައިފައެވެ. 2022 އާ ހަމައަށް ފްލެޓުގެ އެންމެހާ މަސައްކަތްތައް ނިންމައިލެވޭނެ ކަމަށް އެޗްޑީސީން ވަނީ މީގެ ކުރިން ބުނެފައެވެ. މި ޓަވަރުތަކުގައި ހަތަރު ވައްތަރެއްގެ 1344 އެޕާޓްމަންޓް ހިމެނެއެވެ. އޭގެ ތެރޭގައި މެރީނާ ވިއު، އިނާ ވިއު، އައުޓާ ވިއު އަދި ސްޓޭންޑާޑް ވިއު ހިމެނޭނެއެވެ.

ސްޓޭންޑަޑް ވިއު ގައި 883 އަކަފޫޓުގެ އެޕާޓްމެންޓްތައް ހުންނާނެ ކަމަށާއި، ދެން ހުރި އެޕާޓްމަންޓްތަކުގައި 902 އަކަފުޓޫ ހުންނާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. އަދި ހުރިހާ އެޕާޓްމެންޓެއްގައި ވެސް ތިން ކޮޓަރިއާއި ތިން ފާހާނާ އަދި ބެލްކަނި ހުންނާނެ ކަމަށް ވެސް އެޗްޑީސީން ވަނީ ބުނެފައެވެ.