ބަޔޯޑިގްރޭޑަބަލް ކޮތަޅުކަމަށް ކަނޑައެޅުމުގައި ބަލާނެ މިންގަނޑުތަކާއި އެ ތަކެއްޗަށް ހުއްދަ ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު އާއްމުކޮށްފި

16 ޖޫން 2021 - 15:17

ބަޔޯޑިގްރޭޑަބަލް ކޮތަޅުކަމަށް ކަނޑައެޅުމުގައި ބަލާނެ މިންގަނޑުތަކާއި އެ ތަކެއްޗަށް ހުއްދަ ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އިން އާއްމުކޮށްފި އެވެ.

މިގޮތުން، ބަޔޯޑިގްރޭޑަބްލް ކޮތަޅުކަން އަންގައިދޭ ސެޓުފިކެޓު ދޫކުރެވޭނީ، އަންނިވި މިންގަނޑުތަކަށް ފެތޭގޮތަށް ތައްޔާރުކޮށްފައިވާ ކޮތަޅަށެވެ.

(ހ) 2000EN 13432:  “ރިކުއަރމަންޓްސް ފޮރ ޕެކޭޖިންގ ރިކަވަރަބްލް ތުރޫ ކޮންޕޯސްޓިންގ އެންޑް ބަޔޯޑިގްރެޑޭޝަން – ޓެސްޓް ސްކީމް އެންޑް އިވެލުއޭޝަން ކްރައިޓީރިއާ ފޮރ ދަ ފައިނަލް އެކްސެޕްޓެންސް އޮފް ޕެކޭޖިންގ”

(Requirements for packaging recoverable through composting and biodegradation – Test scheme and evaluation criteria for the final acceptance of packaging)

މިންގަނޑަށް ފެތޭގޮތަށް ތައްޔާރުކޮށްފައިވާ ކޮތަޅުކަމުގައި ވުން.

(ށ) ކޮތަޅުގައި ހުންނަ ހެވީމެޓަލްސްގެ މިންވަރު 2000 EN 13432: “ރިކުއަރމަންޓްސް ފޮރ ޕެކޭޖިންގ ރިކަވަރަބްލް ތުރޫ ކޮންޕޯސްޓިންގ އެންޑް ބަޔޯޑިގްރެޑޭޝަން – ޓެސްޓް ސްކީމް އެންޑް އިވެލުއޭޝަން ކްރައިޓީރިއާ ފޮރ ދަ ފައިނަލް އެކްސެޕްޓެންސް އޮފް ޕެކޭޖިންގ”

(Requirements for packaging recoverable through composting and biodegradation – Test scheme and evaluation criteria for the final acceptance of packaging)

މިންގަނޑުތަކަށް ވުރެ އިތުރުވެގެން ނުވުން.

(ނ) ކޮތަޅު ތައްޔާރުކޮށްފައިވާ މެޓީރިއަލްގެ 90% (ނުވަދިހަ އިންސައްތަ) ގިނަވެގެން 180 (އެއްސަތޭކަ އަށްޑިހަ) ދުވަހުގެ ތެރޭގައި އަމިއްލަ ޒާތުގައި ނެތިފަނާވެގެންދާ ބާވަތުގެ ކޮތަޅަކަށް ވުން.

(ރ) ކޮތަޅު ތައްޔާރުކޮށްފައިވާ މެޓީރިއަލްގެ،އެންމެ މަދުވެގެން 90% (ނުވަދިހަ އިންސައްތަ) އަކީ އޯގަނިކް މެޓީރިއަލް ކަމުގައި ވުން.

(ބ) ކޮތަޅު ނެތި ފަނާވެގެން ދިއުމުގައި އެއްވެސް ބާވަތެއްގެ ނުރައްކާތެރި މާއްދާއެއް މާޙައުލުތެރެއަށް ބޭރުވެގެން ނުދިއުން.

(ޅ) ކޮތަޅު ތައްޔާރުކުރާ މެޓީރިއަލްގެ ނޮންބަޔޯޑިގްރޭޑަބްލް ފްރެކްޝަން 5 (ފަހެއް) އިންސައްތައަށްވުރެ މަތި ނުވުން.

(ކ) ކާބޯތަކެތި ބަންދުކުރުމަށް ޚާއްޞަކޮށްގެން ރާއްޖެއަށް އެތެރެކުރާ ކޮތަޅެއްނަމަ، އެ ކޮތަޅު އުފައްދައިފައިވާ މެޓީރިއަލްއަކުން، އޭގައި ބަންދުކުރާ ކާބޯތަކެތީގެ ބާވަތްތަކަށް ނޭދެވޭ އެއްވެސް އަސަރެއް ނުކުރުން.

(އ) ކޮތަޅު ތައްޔާރުކުރުމަށް ބޭނުންކުރާ އެޑިޓިވްސްގެ ތެރޭގައި ހިމެނޭ ޕޮލިމަރސް (polymers)، އޯގޭނިކް އެޑިޓިވްސް (organic additives)، އިންއޯގޭނިކް ފިލަރސް (inorganic fillers)، ސްޓެބިލައިޒަރސް (stabilizers)، ޕްރޮ-އޮކްސިޑަންޓްސް (pro-oxidants) ފަދަ އެޑިޓިވްސްގެ ތެރޭގައި، އެ މާއްދާއަކީ ދިވެހިރާއްޖޭގެ ތިމާވެށްޓަށް ގެއްލުންދޭ މާއްދާއެއް ކަމަށް ދިވެހި ސަރުކާރުން ނުވަތަ ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާއަކުން ކަނޑައަޅައިފައިވާނަމަ، އެ މައްދާއެއް އެކުލެވޭ މިންވަރު 0.1 (ސުމެއް ޕޮއިންޓް އެކެއް) އިންސައްތައަށްވުރެ ދަށުގައި ހުރުން.

(ވ) ކޮތަޅުގެ ބޭރުފުށުގައި، އަންނަނިވި ކަންކަން ފުރިހަމަކުރަންވާނެއެވެ.

(1)    “ނެތިފަނާވުމަށް ބޭނުންވާ ޝަރުޠުތައް ލިޔެފައި ހުރުން”؛

(2)    ނެތިފަނާވުމަށް ނަގާ މުއްދަތު (ސަރވިސް ލައިފްއާއި ސްޓޯރޭޖް ލައިފް އެނގޭ ގޮތަށް)، އަދި ކޮތަޅު އުފެއްދި ތާރީޚު (މަސް)؛

(3)    ކޮތަޅުގައި އެކުލެވޭ ބަޔޯޑީގްރޭޑަބްލް އެޑިޓިވްސްގެ ނަން؛

(4)    ކޮތަޅު ރާއްޖެއަށް އެތެރެކުރި ނުވަތަ ރާއްޖޭގައި އުފެއްދި ފަރާތުގެ ނަން ނުވަތަ ލޯގޯ؛

(5)    އޭޖެންސީން ދޫކުރާ ސެޓުފިކެޓު ނަންބަރު.

މި އުޞޫލަށް ޢަމަލުކުރަން ފެށުމާއިއެކު ޕްލާސްޓިކް ކޮތަޅުގެ ގޮތުގައި ބަލާނެ މިންގަނޑުތައް 2012 އުވުނީއެވެ.