ހިޔާ ފްލެޓްތައް ޖުލައި 14 ގައި ހަވާލުކުރަން ފަށަނީ

16 ޖޫން 2021 - 7:59

ހިޔާ މަޝްރޫއުގެ ފްލެޓްތައް ހަވާލުކުރަން އަންނަ މަހުގެ 14ގައި އެއްބަސްވުންތަކުގައި ސޮއިކުރަން ފަށާނެ ކަމަށް ސަރުކާރުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒް ވިދާޅުވީ، ހިޔާ ފްލެޓުތަކުގެ އެގްރީމަންޓުގައި ސޮއިކުރަން ފަށާނީ ޖުލައި 14ގައި ކަމަށެވެ. އަދި އެއް މަސް ތެރޭގައި ހުރިހާ އެގްރީމަންޓެއްގައި ސޮއިކޮށް ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެޗްޑީސީން އަޅުގަނޑުމެންނަށް މައުލޫމާތު ދޭ ގޮތުގައި އެގްރީމަންޓުގައި ސޮއިކުރަން ފަށާނީ 14 ޖުލައިވާ ދުވަހު،" މަބްރޫކު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، ހިޔާ ފްލެޓުތަކުގެ އިލެކްޓްރިކް މީޓަރު ހަރުކުރުމާއި އިމާރާތްތަކުގައި މެއިން ޕެނަލް ހަރުކުރުމުގެ މަސައްކަތް ސްޓެލްކޯ އިން މިހާރު ކުރަމުންދާ ކަމަށެވެ. މީޓަރުތައް ހަރު ކުރުން ޖުލައި 16 ހިސާބުގައި ނިމޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހިޔާ މަޝްރޫއުގެ ދަށުން އެޅި ދެ ކޮޓަރީގެ ފްލެޓްތައް ހަވާލު ކުރާނީ ފާހާނާގައި ދޮރުފަތް ހަރުނުކޮށް، އަދި ތަށިމުށި ވެސް ނުޖަހަ އެވެ. ފަންކާ އާއި ލައިޓުތަކާއި ފްލެޓުގައި ކުލަ ލާން ޖެހެނީ ވެސް ފްލެޓު ލިބޭ މީހުން އަމިއްލައަށެވެ.

އެޗްޑީސީން ނިންމާފައި ވަނީ އެޕާޓްމެންޓުތަކުގެ އެ މަސައްކަތްތައް ނިންމުމަށް ތިން މަސް ދުވަސް ދިނުމަށެވެ. އެ ދުވަސްވަރު އެ ފްލެޓުތަކުން އެއްވެސް ފީއެއް ނުނަގާނެ އެވެ.

ފްލެޓުތަކުން މަހު ކުލީގެ ގޮތުގައި 25 އަހަރަށް ބަހާލައިގެން 7500ރ. އަދި ސާވިސް ފީގެ ގޮތުގައި 1،000ރ. ނަގަން ނިންމާފައިވެ އެވެ. އަދި ޑައުންޕޭމަންޓުގެ ގޮތުގައި އެއްވެސް ފައިސާއެއް ނުނަގަން ވެސް ސަރުކާރުން ނިންމާފައިވެ އެވެ.

ޑައުން ޕޭމަންޓެއް ދައްކަން ނުޖެހުނަސް ދައްކަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދޭނެ ކަމަށް އެޗްޑީސީން ބުނެފައިވެ އެވެ.