އެމްއެންއެސްޑީއޭގެ ލޯގޯ ފަރުމާ ކޮށްގެން 15000 ރުފިޔާ ލިބޭ މުބާރާތެއް ހުޅުވާލައިފި

13 ޖޫން 2021 - 7:04

މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ (އެމްއެންއެސްޑީއޭ) ލޯގޯ ފަރުމާކޮށްގެން އެއްވަނައަށް ދާ ފަރާތަކަށް 15000 (ފަނަރަ ހާސް ރުފިޔާ) ލިބޭ ލޯގޯ ފަރުމާކުރުމުގެ މުބާރާތެއް މުޅިރާއްޖެއަށް އެ އޮތޯރިޓީން ހުޅުވާލައިފިއެވެ.

10 ޖޫން 2021 ވީ ބުރާސްފަތި ދުވަހު މި ފުރުޞަތު ހުޅުވާލާފައިވާއިރު ލޯގޯ ފަރުމާ ކުރުމުގައްޔާއި އަދި ލޯގޯއާއި ގުޅޭ ޝިއާރެއް ކަނޑައެޅުމުގައި ސަމާލުކަން ދޭންޖެހޭ ކަންތައްތައް ވެސް އެ އޮތޯރިޓީން ވަނީ އާންމު ކޮށްފައެވެ.

ފަރުމާކުރާ ލޯގޯގައި ދިވެހިންގެ މަސައްކަތްތެރިކަމާއި ހުނަރު ރަމްޒު ކޮށްދިނުމުގެ އިތުރުން އެ އޮތޯރިޓީން ކުރަމުން ގެންދާ މަސައްކަތްތަކާއި ގުޅުން ހުންނަން ޖެހޭނެކަމަށް ބުނެފައިވެއެވެ. ރަސްމީކޮށް އަދި ނުރަސްމީކޮށް ބޭނުން ކުރަމުން ގެންދާ ލޯގޯތަކާއި ތަފާތުވުމާއި އަދި އެ ލޯގޯއާއިއެކު ބޭނުންކުރާ ޝިއާރު ދިވެހި ބަހުންނާއި އިގިރޭސިބަހުން ހިމެނުމަށާއި، ކުލަކޮށް، މޮނޮޓޯނަސްކޮށް ވީޑިއޯ މައްޗަށް ސުޕަރއިމްޕޯސް ކުރެވޭގޮތަށް ތައްޔާރު ކޮށްފައިވުން (އެއް ސްކުއަރ ސެންޓިމީޓަރަށް ކުޑަކުރި ކަމުގައިވިޔަސް އޭގެ އަސްލު ނުގެއްލޭނޭ ގޮތަށް ނުވަތަ ވީޑިއޯ ޑިސްޓަރބް ނުވާނެ ގޮތަށް) ވެސް އެ ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ. އަދި ފަރުމާކުރެވޭ ލޯގޯ ތްރީޑީ ކޮށް އެނިމޭޓްކުރެވޭނެ ގޮތަށް ހުރުން ހިމަނާފައިވާއިރު އެނިމޭޓް ކޮށްފައި ހުށަހަޅާ ފަރާތްތަކަށް އިސްކަން ދޭނެކަމުގައި ބުނެފައިވެއެވެ. އަދި މީގެއިތުރުން އެމްބޯސްކުރަންޖެހޭ ހާލަތްތަކުގައި އެމްބޯސްކުރެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ފަރުމާއަކަށް ވުން އެ ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

ލޯގޯއާއިއެކު ކަވަރ ލެޓާއެއް ހުށައަޅާއިރު އެ ލެޓާގައި ހިމަނަން ޖެހޭނެކަމަށް ބަޔާން ކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ހުށައަޅާ ލޯގޯއަކީ އެ ލޯގޯ ފަރުމާކުރި ފަރާތުގެ އަމިއްލަ އުފެއްދުމެއްކަން ނުވަތަ ޚިޔާލެއްކަން އަންގައިދިނުމާއި އެކަމަށް އިޤުރާރުވުމުގެ އިތުރުން ލޯގޯގެ ހުރިހާ އިޚުތިޔާރެއް (ކޮޕީރައިޓް) އެ އޮތޯރިޓީއަށް ލިބިގެންވާކަން ބަޔާންކުރުން ހިމެނެއެވެ. މީގެއިތުރުން އެ ލެޓާގައި ލޯގޯ ފަރުމާކުރި ފަރާތުގެ ފުރިހަމަ ނަމާއި އައިޑީ ކާޑްނަންބަރާއި އެޑްރެސް އަދި ފޯނު ނަންބަރު ހިމެނުމަށާއި އަދި ލޯގޯ ފަރުމާކުރުމުގައި އެހެން ލޯގޯއެއް ނުވަތަ ބެޖެއް އަސާސަކަށް ބެލިނަމަ އެ ލޯގޯއެއް ނުވަތަ ބެޖެއްގެ މައުލޫމާތު ހިމެނުމަށް އެ އޮތޯރިޓީން އެދިލައްވައެވެ.

ލޯގޯ ހުށަހަޅާއިރު ލޯގޯގެ ސޮފްޓްކޮޕީ 150 ޑީޕީއައި ރިޒޮލިއުޝަންގައި ހުށައެޅުމަށާއި، ލޯގޯގެ ޕީއެންޖީ، އެސްވީޖީ އަދި އީޕީއެސް، މި ތިން ފޯމެޓްގެ އޮރިޖިނަލް ފައިލް ހުށަހެޅުމަށް ވެސް އެ އޮތޯރިޓީން އެދިލައްވައެވެ. އަދިނކޮންމެ ބައިވެރިއަކަށް ގިނަވެގެން ހުށަހެޅޭނީ ދެ ލޯގޯ ކަމަށާއި، ލޯގޯ ހުށައަޅާނީ ކުލަ އަދި ބްލެކް އެންޑް ވައިޓް ސޮފްޓްކޮޕީ ކަމަށް ބުނެފައިވެއެވެ.

ލޯގޯ ހުށަހެޅޭނެ އެންމެ ފަހު ތާރީޚެއްގެ ގޮތުގައި ބުނެފައިވަނީ 27 ޖޫން 2021 ވަނަ ދުވަހުގެ 13:00 އެވެ. ލޯގޯ އީ-މެއިލް ކުރާއްވާނީ info@mnsda.gov.mv އަށެވެ.