އައްޑޫގައި ބިން ހިއްކުމުގެ މަޝްރޫއުއެއް މިއަހަރު ކުރިއަށްގެންދަނީ

12 ޖޫން 2021 - 13:14

އައްޑޫ ސިޓީގެ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށްގެންދިޔުމަށްޓަކައި މިއަހަރުގެ ތެރޭގައި ބަޔަކާ ހަވާލުކުރަން ނިންމައިފިއެވެ.

މިމަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުންނެވެ. މި މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ 2 އަހަރު ދުވަހުގެ ތެރޭގައެވެ. މިމަޝްރޫޢުގެ މަސައްކަތަށް ގާތްގަޑަކަށް 70 އާއި 75 މިލިޔަން ޑޮލަރު ޚަރަދުވާނެ ކަމަށްވަނީ ލަފާކޮށްފައެވެ.

މި މަޝްރޫޢުގެ ތެރޭގައި އައްޑޫގެ ގުދުރަތީ ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ ގޮތުން، 228 ހެކްޓަރުގެ ބިމުގެ ސަރަޙައްދެއް ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢެއް ވަނީ ހިމަނާފައެވެ. މީގެ ތެރޭގައި ރެޒިޑެންޝަލް، ކޮމާޝަލް، އަދި އިންޑަސްޓްރިއަލް ބޭނުންތަކަށް އައްޑޫ ސިޓީގެ ހިތަދޫ، ހުޅުދޫ/މީދޫ އިން 38 ހެކްޓަރު ހިއްކުމަށްވަނީ ހަމަޖެހިފައެވެ. އަދި 5 ހެކްޓަރުގެ 2 ރިޒޯޓް ރަށް ހެދުމަށްވެސްވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މަރަދޫ/ މަރަދޫފޭދޫއިން 75 ހެކްޓަރުގެ ސަރަޙައްދެއް ހިއްކުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަނުން ވިދާޅުވީ ރާއްޖޭގެ މިނިސްޓްރީ އޮފް ފިނޭންސްއިން ހުޅުވާލާފައިވާ ޓެންޑަރަށް ބީލަން ހުށައެޅުމުގެ އެންމެ ފަހުގެ ތާރީޚަކީ މިމަހުގެ 15 ވަނަ ދުވަސްކަމަށެވެ. ބައިނަލްއަޤްވާމީ ހަތަރު ޑްރެޖިން ކުންފުންޏަކުން އެ ކުންފުނިތަކުގެ އިންޑިއާގެ ސަބްސިޑިއަރީތައް މެދުވެރިކޮށް ބިޑް ހުށައަޅާނެ ކަމަށް އިންޑިޔަން ހައިކޮމިޝަނުން ވިދާޅުވެއެވެ. އަދި މިމަޝްރޫޢަށް ކުންފުނި ހޮވުމުގެ ކުރިން ބިޑްތަކުގެ ޓެކްނިކަލް އަދި ފައިނޭންޝަލް އިވޭލުއޭޝަން ކުރިއަށް ގެންދާނީ ދިވެހި ސަރުކާރުން ކަމަށާއި ބިޑް ހުށައަޅާ ނިމުމުން 4 އެއް ނުވަތަ 5 ހަފްތާ ތެރޭގައި ކޮންޓްރެކްޓަރއާ ހަވާލުކުރާނެ ކަމަށް ހައިކޮމިޝަނުން ވިދާޅުވެއެވެ.

ބިން ހިއްކުމުގެ މަޝްރޫއުގެ ޕްލޭންތަކުގެތެރޭގައި މިހާރު ހުރި ހާބަރު ފްރަންޓް ފެސިލިޓީތައް އަޕްގްރޭޑް ކޮށް، ވިޔަފާރި އާއި މުޖުތަމައުގެ ބޭނުން ތަކަށާއި، އައްޑޫ ސިޓީގެ ރަށްރަށުގެ ރައްޔިތުންގެ ރެޒިޑެންޝަލް ބޭނުންތަކަށްވެސް ބިން ދޫކުރުމަށްވަނީ ނިންމާފައެވެ. މީގެ އިތުރުން ޕްރައިވެޓް ސެކްޓަރގެ އިންވެސްޓަރުން ރިސޯޓް ތަރައްގީ ކުރުމަށް ރަށްތައް އުފެއްދުމަށްޓަކައި ގާތްގަނޑަކަށް 25 ހެކްޓަރުގެ ބިން ހިއްކާ ގޮނޑުދޮށް ހިމާޔަތްކުރުމަށް ވަނީ ހުށައަޅާފައެވެ.