ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒުގައި ހަދާ އެކަމޮޑޭޝަން ބްލޮކްގެ މަސައްކަތް ނިންމާލައިފި

12 ޖޫން 2021 - 9:13

ހއ.އުތީމުގައި ހުންނަ ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒު ތަރައްޤީކުރުމުގެ މަސައްކަތުގައި ހިމެނޭ، އެކަމަޑޭޝަން ބްލޮކްގެ މަސައްކަތް ނިމިއްޖެއެވެ.

މި މަސައްކަތަކީ އަތޮޅުތަކުގައި ހުރި އާސާރީ ތަންތަނަކީ، އާމްދަނީ ލިބޭނެ ތަންތަނަށް ހެދުމަށް ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ކުރިއަށްގެންދާ މަސައްކަތުގެދަށުން ފެށި މިފަދަ އެންމެ ބޮޑު މަސައްކަތެވެ.

އުތީމުގައި ހުންނަ ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒު މިހާރު ބޭނުންކުރަމުން އަންނަނީ ޖަލްސާތަކާ ހަފްލާތައް އަދި އެކިއެކި އިޖްތިމާޢީ ހަރަކާތްތައް ބާއްވާ ތަނެއްގެ ގޮތުގައެވެ. އަދި އެ އިމާރާތަކީ ކުރިން އުތީމުގައި ތަޢުލީމު ދިނުމަށްވެސް ބޭނުންކުރި އިމާރާތެވެ.

ރަށްރަށުގައި ހުރި އާސާރީ ބިނާތައް އާބާތުރަފިލުވާ ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން ބޮޑުތަކުރުފާނު ހަދާނީ މަރުކަޒު ތަރައްޤީކުރަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި ހިމަނައިގެން ކުރިއަށްގެންދިޔައީ، ކުރިން ކިޔަވައިދިނުމަށް ބޭނުންކުރި ކްލާސްރޫމްތަކާއި އޮފީސް އިމާރާތަށް ބަދަލުގެނެސް އެތަނުގައި އެކަމަޑޭޝަން ބްލޮކެއް ހެދުމުގެ މަސައްކަތެވެ.

މި މަސައްކަތަކީ ރަށަށް ޒިޔާރަތްކުރާ މީހުންނަށް ފަސޭހައިން ރަށުގައި ވަގުތު ހޭދަކުރެވޭނެ މަގުފަހިކޮށްދިނުމާއި ރަށުގައި ހުރި އާސާރީ ތަންތަނުން ރަށަށް އާމްދަނީ ލިބޭނެ ގޮތް ފަހިކޮށްދިނުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ.