ހއ. ހޯރަފުށީ އެއާޕޯޓު މަރާމާތުކޮށް ނިންމާލައިފި

12 ޖޫން 2021 - 8:59

ހއ. ހޯރަފުށީ އެއާޕޯޓު މަރާމާތު ކުރުމުގެ މަސައްކަތް މި މަހުގެ 8 ވަނަ ދުވަހު ނިންމާލާފައި ވާކަމަށް، މި މަސައްކަތް ކުރި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑު ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން ހޯރަފުށީ އެއާޕޯޓު މަރާމާތު ކުރީ، މިދިޔަ މަހު ރާއްޖެއަށް ކުރި ވިއްސާރައިގަ އެ އެއާޕޯޓަށް އެކިވަރުގެ ގެއްލުން ލިބުމުގެ ސަބަބުންނެވެ. އެގޮތުން، އެއާޕޯޓުގެ ރަންވޭ ފެންބޮޑުވިއިރު، އެކޮމޮޑޭޝަން ބްލޮކަށާއި، އެއާޕޯޓުގެ ބައެއް ސާމާނަށްވެސް ވަނީ ގެއްލުން ވެފައެވެ.

ކުރީގެ ރައީސް ޔާމީނުގެ ސަރުކާރުގައި އެމްޓީސީސީއާ މި އެއާޕޯޓު ތަރައްގީ ކުރުމަށް ހަވާލުކޮށްފައި ވަނީ 211 މިލިއަން ރުފިޔާއަށެވެ. އެއާޕޯޓު ތަރައްގީ ކުރުމަށްފަހު، މިދިޔަ ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހު އެމްޓީސީސީން ވަނީ އެއާޕޯޓު ސަރުކާރާ ހަވާކުކޮށްފައެވެ.

ހޯރަފުށީ ފަޅުން 345،000 އަކަ މީޓަރުގެ ސަރަހައްދެއް ހިއްކައިގެން އެ އެއާޕޯޓް ތަރައްގީ ކޮށްފައިވަނީ 1.2 ކިލޯ މީޓަރު ދިގު، 35 މީޓަރު ފުޅާ ރަންވޭއަކާއެކު އެވެ.އޭގެ އިތުރުން އެތަނުގައި 8،635 މީޓަރުގެ އޭޕްރަންއަކާއި ޓެކްސީވޭއެއް ހަދާފައިވާއިރު 9473 ކިއުބިކް މީޓަރުގެ ޕާކިން އޭރިއާއަކާއި 1718 ކިއުބިކް މީޓަރުގެ ފަޔާ އެކްސެސް ރޯޑެއްގެ އިތުރުން 720 މީޓަރުގެ އެއާޕޯޓް ސެކިއުރިޓީ އަދި ބީޗް ފެންސެއް ވަނީ ޖަހައިފަ އެވެ.