ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސޯލާ ހަކަތައަށް ޚާއްސަ ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ޤާއިމުކުރުމަށް ހުޅުވައިލައިފި

10 ޖޫން 2021 - 11:59

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސޯލާ ހަކަތައަށް ޚާއްސަ ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ޤާއިމުކުރުމަށް ހުޅުވައިލައިފި އެވެ.

އެންވަޔަރްމެންޓް މިނިސްޓްރީން ބުނީ މިއީ ވަރލްޑް ބޭންކްގެ އެހީގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން ހިންގާ އެކްސެލެރޭޓިންގ ރިނިއުވަބަލް އެނާރޖީ އިންޓަގްރޭޝަން އެންޑް ސަސްޓައިނަބަލް އެނަރޖީ (އެރައިސް) ޕްރޮޖެކްޓުގެ ދަށުން ހުޅުވާލި ފުރުސަތެއް ކަމަށެވެ.

މި ފުރުުސަތުގައި 40 މެގަވޮޓް އަވަރގެ ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ރާއްޖޭގެ 10 އަތޮޅެއްގެ ކަނޑައެޅިފައިވާ ރަށްތަކެއްގައި  ޤާއިމުކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.

އެގޮތުން އެރައިސް މަޝްރޫޢޫގެ ދަށުން މި ނިޒާމު ޤާއިމުކުރެވޭ ރަށްތަކަކީ:

  1. އައްޑޫ ސިޓީ
  2. ފުވައްމުލައް ސިޓީ
  3. ކުޅުދުއްފުށި ސިޓީ
  4. ގދ. ތިނަދޫ
  5. ގއ. ވިލިނގިލި
  6. ބ. އޭދަފުށި
  7. ޅ. ހިންނަވަރު
  8. ޅ. ނައިފަރު
  9. ދ. ކުޑަހުވަދޫ
  10. ށ. ފުނަދޫ
  11. ލ. އަތޮޅުގެ ބައެއް ރަށްތައް
  • ލ. ފޮނަދޫ
  • ލ. ގަން
  • ލ. ހިތަދޫ
  • ލ. މާމެންދޫ
  • ލ. ކުނަހަންދޫ
  • ލ. މާބައިދޫ
  • ލ. ދަބިދޫ
  • ލ. މާވަށް
  • ލ. އިސްދޫ
  • ލ. ކަލައިދޫ

މި މަޝްރޫޢަށް ޕްރީ-ކޮލިފިކޭޝަނަށް އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 2 ސެޕްޓެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރީންނެވެ. މި މަޝްރޫއަށް ބިލަން ހުށަހެޅަންޖެހޭ ގޮތުގެ ތަފްސީލާއި އެކު މަޝްރޫޢުގެ މައުލޫމާތު މިނިސްޓްރީ އޮފް ފިނޭންސުންވަނީ ގެޒެޓްގައި ޝާއިއުކޮށްފައެވެ.

އެރައިސް މަޝްރޫޢުގެ ދަށުން 40 މެގަވޮޓް އަވަރގެ ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ޤާއިމުކުރުމުގެ ސަބަބުން ސޯލާ ހަކަތައިން އުފައްދާ ކަރަންޓުން އެވަގުތެއްގައި ބޭނުންކޮށް އިތުރުވާ ކަރަންޓު މި ނިޒާމުގައި ރައްކާކުރެވިގެންދާނެއެވެ. އަދި ވިއުގައަށް ފޯރުކުރާ އިއާދަކުރަނިވި ހަކަތައިގެ ނިސްބަތް ޖުމުލަ %30 އަށްވުރެން މައްޗަށްދާ ހާލަތްތަކުގައި ގްރިޑް ސްޓެބިލިޓީ މައްސަލަތައް ކޮންޓްރޯލްކޮށް އާންމު ކޮށްވެސް ކަރަންޓް ކެނޑުމަށް ދިމާވާ ގިނަ ހާލަތްތަކަށް ހައްލެއް ލިބިގެންދާނެ އެވެ.

2021 އިން ފެށިގެން 5 އަހަރުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ އެރައިސް މަޝްރޫޢިން 40 މެގޮވޮޓް އަވަރ ގެ ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމްތައް ގާއިމްކުރުމާއި 36 މެގަވޮޓްގެ ސޯލާ ހަކަތައިގެ ނިޒާމްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރުމަށްވެސް ވަނީ ރާވާފައެވެ.

މީގެ އިތުރުން ސޯލާ އާއި ބެޓަރީ ނިޒާމު ބަހައްޓާ ރަށްތަކުގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކުރުމަށްވެސް މަޝްރޫޢުގެ ތެރެއިން ރާވާފައިވެއެވެ. އެގޮތުން ޓްރާންސްމިޝަން އަދި ޑިސްޓްރިބިއުޝްން ކޭބަލް ހިމެނޭގޮތަށް ޖުމްލަ 100 ކިލޯމީޓަރުގެ ކޭބަލް އެޅުމަށްވަނީ ރާވާފަ އެވެ.

ސަރުކާރުން ބޭރުގެ އެހީއާއެކު ހިންގާ މިފަދަ މަޝްރޫޢުތަކުގެ ބޭނުމަކީ ސަރުކާރުން ތެލަށްކުރާ ހޭދަ ކުޑަކޮށް ތިމާވެއްޓާއި ރައްޓެހިގޮތަކަށް ކަރަންޓް އުފައްދުމެވެ. ސަރުކާރުގެ ސްޓެރެޓެޖިކް އެކްޝަން ޕްލޭންގައި ވެސް ހަކަތައިގެ ދާއިރާއަށް ޚާއްސަ ލަނޑުދަނޑިތަކެއް ކަނޑައަޅާފައިވެއެވެ.

އެގޮތުން 2023 ވަނަ އަހަރުގެ ކުރިން ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ޑީސަލުން 40 މިލިއަން ލިޓަރު ދަށްކުރުމާއި 2018 ގެ ނިސްބަތާއި އަޅާބަލާއިރު، 2023 ވަނަ އަހަރުގެ ނިޔަލަށް އިއާދަކުރަނިވި ހަކަތައިގެ ނިސްބަތް ބޭނުންކުރާ މިންވަރު %20 އިތުރު ކުރުން ހިމެނެ އެވެ.

ރާއްޖޭގެ ހަކަތައިގެ ދާއިރާއިން ކަނޑައަޅާފައިވާ އެންމެ ބޮޑު އަމާޒަކީ 2030 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއަކީ ނެޓްޒީރޯ އެމިޝަން ގައުމަކަށް ހެދުމެވެ.