ޖެނުއަރީ މަހު 92,000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފި

2 ފެބުރުއަރީ 2021 - 9:23

މިދިޔަމަސް ނިމުނުއިރު ރާއްޖެއަށް 92000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމްއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ޖެނުއަރީ މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 92103 ފަތުރުވެރިންނެވެ.

މިދިޔަ އަހަރުގެ ޖަނަވަރީމަހު ރާއްޖެ އައިސްފައިވަނީ 173874 ފަތުރުވެރިންނެވެ. އެހެންކަމުން މިދިޔަ އަހަރުގެ ޖަނަވަރީ މަހާއި އަޅާބަލާއިރު މިއަހަރުގެ ޖަނަވަރީމަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ %47 ދަށްވެފައެވެ

މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައަދަދަށް ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ. އެޤައުމުން ރާއްޖެއަށް 20،973 ފަތުރުވެރިން ވަނީ އައިސްފައެވެ. 2 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ އަވަށްޓެރި އިންޑިއާއިންނެވެ. އެއީ 19،135 ފަތުރުވެރިންނެވެ. 3 ވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން އައީ ޔޫކްރެއިނުންނެވެ. އެއީ 7،210 ފަތުރުވެރިންނެވެ. 4،434 ފަތުރުވެރިންނާއިއެކު 4 ވަނައިގައި އުޅެނީ ކަޒަކިސްތާންއެވެ. އަދި 5 ވަނައިގައި ހިމެނެނީ ރޯމޭނިއާއެވެ. އެޤައުމުން ރާއްޖެއައީ 3،921 ފަތުރުވެރިންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި ފަތުރުވެރިންނަށް ޙިދުމަތްދޭ 614 ތަނެއް ހުޅުވައި އަލުން ޙިދުމަތްދޭން ވަނީ ފަށާފައެވެ. މީގެތެރޭގައި ރިސޯޓްތަކާއި، ސަފާރީތަކާއި ގެސްޓްހައުސްތައްވެސް ހިމެނެއެވެ. މިއާއިއެކު ފަތުރުވެރިންނަށް ޙިދުމަތްދޭ އެނދުގެ އަދަދު ވަނީ 43000 އަށްވުރެ އިތުރުވެފައެވެ. މިއަހަރު 1.5 މިލިއަން ފަތުވެރިން ގެނައުމަށް ޓޫރިޒަމް މިނިސްޓްރީން ދަނީ މަސައްކަތްކުރައްވަމުންނެވެ.