އިންޑިއާގެ ނެޝަނަލް ނޮލެޖް ނެޓްވޯކް ރާއްޖެއަށް ފުޅާކުރަނީ

10 ޖޫން 2021 - 9:24

އިންޑިއާގެ ނެޝަނަލް ނޮލެޖް ނެޓްވޯކް (އެންކޭއެން) ރާއްޖެއަށް ފުޅާކުރުމަށް ދެ މިލިއަން ޑޮލަރުގެ ގްރާންޓެއް ފޯރުކޮށްދިނުމަށް އެގައުމުން ފާސްކޮށްފިއެވެ.

އެންކޭއެން އަކީ އިންޑިއާގެ ތައުލީމީ މުއައްސަސާތަކާއި ރިސާޗް ސެންޓަރުތައް ގުޅުވައިދޭ ހައި-ސްޕީޑް ބްރޯޑްބޭންޑް ނެޓްވޯކެކެވެ. މި މަސައްކަތް ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ނިންމާނެ އެވެ.

ދިވެހި ސަރުކާރުގެ ފަރާތުން މި މަޝްރޫއު ވިލަރެސް ކުރުމަށް ހަމަޖެހިފައިވަނީ ނެޝަނަލް ސެންޓަ އޮފް އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އިންނެވެ.

މި މަޝްރޫއުގެ ދަށުން ރާއްޖޭގެ އެންމެހާ ރިސާޗް އެންޑް ޑިވެލޮޕްމެންޓް އަދި ރިސާޗް އެންޑް އެޑިއުކޭޝަން މުއައްސަސާތަކާއި ސްކޫލްތަކާއި ސަރުކާރުގެ އިދާރާތައް އެކުލެވޭހެން ހައި-ސްޕީޑް ނެޝަނަލް ރިސާޗް އެންޑް އެޑިއުކޭޝަން ނެޓްވޯކް (އެންއާރުއީއެން) ގާއިމުކުރުމަށް އެންކޭއެން އިން ދިވެހި ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އިންޑިއަން ހައި ކޮމިޝަނުން ބުންޏެވެ.

ހައި ކޮމިޝަނުން ބުނީ އެންއާރުއީއެން އަށް އިންޑިއާގެ އެންކޭއެންގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށާއި މި އެއްބާރުލުމާއި އެހީގެ ސަބަބުން ރާއްޖޭގައި އަމިއްލަގޮތުން ދެމެހެއްޓެނިވި ސިފައެއްގައި ހައި-ސްޕީޑް ރިސާޗް އެންޑް އެޑީއުކޭޝަން ނެޓްވޯކެއް ގާއިމުކުރެވިގެންދާނެ ކަމަށެވެ. އަދި ރިސާޗް އެންޑް ޑިވެލޮޕްމެންޓް ޕްލެޓްފޯމް މަޝްރޫއުގެ ސަބަބުން ރާއްޖެއަށް އެކި ދާއިރާތަކުން ކުރެވޭ ބައިނަލްއަގުވާމީ ދިރާސާތަކުގައި ހިއްސާވެ ކޮލެބޮރޭޓް ކުރުމަށް، ބައިނަލްއަގުވާމީ ޕްލެޓްފޯމެއް ލިބިގެންދާނެ ކަމަށްވެސް ކޮމިޝަނުން ބުންޏެވެ.

ރާއްޖޭގެ ޔުނިވާސިޓީތަކާއި ދިރާސީ މާހިރުންނަށް އެންކޭއެންގެ ވިއުގާ މެދުވެރިކޮށް ޔޫރަޕް، އެމެރިކާ، ނޯޑިކް އަދި އޭޝިއާ ޕެސިފިކްގެ ގައުމުތަކުގެ ޔުނިވާސިޓީތަކާއި ދިރާސީ މާހިރުންނާ ގުޅާލެވޭނެ ކަމަށްވެސް ކޮމިޝަނުން ބުންޏެވެ.