![](https://ooo.mv/wp-content/uploads/2021/06/MOT-800x468.jpeg)
ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް 7 އަތޮޅެއްގެ ކައުންސިލާއެކު މަޝްވަރާކޮށްފި
10 ޖޫން 2021 - 7:53
ފަތުރުވެރިކަމުގެ ނަފާ ރައްޔިތުންނަށް ހޯދައިދިނުމާއި ރަށްރަށުގައި ލޯކަލް ޓޫރިޒަމް ފުޅާކުރުމާ ބެހޭ ގޮތުން ޓޫރިޒަމް މިނިސްޓްރީން 7 އަތޮޅެއްގެ ކައުންސިލާއެކު މަޝްވަރާ ކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ހާމަކުރި ގޮތުގައި މިހާތަނަށް މި ބައްދަލުވުން 7 އަތޮޅެއްގެ ކައުންސިލާއެކު ކުރިއަށްގެންދެވިފައިވެއެވެ. އެއީ ހއ އިން ފެށިގެން ޅ އަތޮޅާއި ހަމައަށެވެ.
މި ބައްދަލުވުންތައް ކުރިއަށްގެންދަނީ 3 ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން ހުރިހާ އަތޮޅު ކައުންސިލްގެ ރައީސުންނާއި މޭޔަރުންނާއި ވަނީ ބައްދަލުކޮށްފައެވެ. މިހާރު ބައްދަލުކުރަމުންދަނީ އެ އަތޮޅެއް ހިމެނޭ ދާއިރާތަކުގެ މަޖިލިސް މެންބަރުންނާއި އަތޮޅު ކައުންސިލްގެ ރައީސްއާއި ރަށްރަށުގެ ރަށު ކައުންސިލްގެ ރައީސުންނާއެވެ. އަދި އެއަށްފަހު ކޮންމެ ރަށެއްގެ ކައުންސިލާ ވަކިން މަޝްވަރާކުރާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.
މި ބައްދަލުވުންތަކުގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރަނީ ލާމަރުކަޒީ ނިޒާމަށް އެންމެ ފަހުން ގެނެވުނު އިސްލާހުތަކާއިއެކު ރަށްރަށުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ކައުންސިލްތަކަށް ކުރެވިދާނެކަންކަމާއި، އެރަށެއްގައި ޓޫރިޒަމް ފުޅާކުރުމަށް ކައުންސިލުން ގެންގުޅޭ ވިސްނުންތަކާއި، ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަން ބޭނުންވާ ދާއިރާތައް އޮޅުންފިލުވުމެވެ.
މީގެއިތުރުން ބައްދަލުވުންތަކުގެ ތެރެއިން ރިސޯޓް މޮޑެލްއަށް ރަށްރަށުގެ ފަތުރުވެރިކަން ގެނެވޭނެ ގޮތްތަކާއި ބެހޭގޮތުންވެސް މަޝްވަރާކުރާކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. އަދި ރިސޯޓްތަކަށް އަންނަ ޓޫރިސްޓުންވެސް އަތޮޅުގެ އެހެން ރަށްރަށަށްވެސް ޒިޔާރަތްކުރާނެ ގޮތަކަށް ކަންކަން އިންތިޒާމްކުރުމުގެ މަސައްކަތާއި އޭގެ ނަފާ އަތޮޅުގެ ރަށްރަށަށް ހޯދައިދިނުމުގެ މަސައްކަތް ކުރެވިދާނެގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރަމުންދާކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.
ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ، ކައުންސިލްތަކުގެ ފަރާތުން މިކަމުގައި ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށެވެ. އަދި ފަތުރުވެރިކަން ޕްރޮމޯޓްކުރުމުގައި އަތޮޅުތަކުގައިވެސް ވަރަށް ބޮޑަށް ވާދަވެރިކަން އެބައޮތްކަމަށެވެ.
މިނިސްޓްރީން ވިދާޅުވީ، ކޮންމެ ދުވަހަކު 1 އަތޮޅު ނުވަތަ 2 އަތޮޅަށް ބައްދަލުވުންތައް ބާއްވަމުންދާކަމަށެވެ. އެހެންކަމުން ހަފްތާއެއްގެ ތެރޭގައި އަތޮޅު ކައުންސިލްތަކާއި މަޝްވަރާކޮށް ނިންމާލެވޭނެކަމަށާއި މިމަސްތެރޭގައި ހުރިހާ ރަށެއްގެ ކައުންސިލްތަކާއި ބައްދަލުކޮށް ނިންމާލެވޭނެކަމަށް އުންމީދުކުރާކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. މިކަމަށް ޚާއްސަކޮށްގެން ޓޫރިޒަމް މިނިސްޓްރީގައި ވަނީ ޓޫރިޒަމް ލޯކަލައިޒޭޝަނާއި ޑައިވަރސިފިކޭޝަނާބެހޭ ޔުނިޓެއްވެސް ޤާއިމްކޮށްފައެވެ.