ދިވެހިރާއްޖޭގެ ފެނުގެ ނިޒާމް ހިންގާ ބެލެހެއްޓުމުގެ ތަމްރީން ޕްރޮގްރާމްގެ އެއްބަސްވުމުގައި ސޮއިކޮށްފި

9 ޖޫން 2021 - 7:25

ދިވެހިރާއްޖޭގެ ފެނުގެ ނިޒާމު ހިންގާ ބެލެހެއްޓުމުގެ ތަމްރީން ޕްރޮގްރާމްގެ މަސައްކަތް ފެށުމަށް މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޯލޮޖީއާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީި ސޮއިކޮއްފިއެވެ.

ރާއްޖޭގެ ރަށްރަށުގައި ޤާއިމުކޮށްފައިވާ ފެނާއި ނަރުދަމާގެ ނިޒާމުތަކުން ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް ހަރުދަނާކުރުމުގެ ގޮތުން މި ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން ތަމްރީނުކުރުވައި ވަކި ޓެކްނިކަލް ފެންވަރެއްގައި ބެހެއްޓުމަކީ ސަރުކާރުގެ އެއް އަމާޒެވެ.

މި ތަމްރީން ޕްރޮގްރާމް ކުރިއަށްގެންދަނީ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޯލޮޖީއާއި ހަވާލުކޮށްގެންނެވެ. މިތަމްރީން ޕްރޮގްރާމް ކުރިއަށް ގެންދެވޭނީ ސެޓްފިކެޓް ލެވަލް 3 ގެ ފެންވަރުގައެވެ. މި ތަމްރީންގެ ބޭނުމަކީ ފެނާއި ނަރުދަމާގެ ޤައުމީ ސްޓްރެޓީޖިކް ޕްލޭންގެ 3.1 ވަނަ ސްޓެރަޓަޖީގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން 2023 ވަނަ އަހަރު ނިމެންވާ އިރަށް ފެނާއި ނަރުދަމާ ނިޒާމްތައް ހިންގާ ބަލަހައްޓާ އޮޕަރޭޓަރުން ސެޓްފިކެޓް ލެވެލް 3 އަކަށް ތަމްރީނުވެފައި ތިބުމެވެ. މިމަސައްކަތަކީ ދިވެހި ސަރުކާރާއި ގްރީން ކްލައިމެޓް ފަންޑް (ޖީ.ސީ.އެފް)ގެ އެހީގެ ދަށުން ކުރިއަށްގެންދާ ތަމްރީން ޕްރޮގްރާމްއެކެވެ.

މިއެއްބަސްވުމުގެ ދަށުން ހއ. ހދ. ށ އަދި ޖީ.ސީ.އެފް ފަންޑުގެ ހިލޭ އެހީގައި ސަރުކާރުން ފެނުގެ ނިޒާމް ގާއިމްކުރެވޭ 4 ރަށުގެ (ހދ. ނޮޅިވަރަންފަރު، ށ.ފޯކައިދޫ، ރ.މަޑުއްވަރީ އަދި ބ.ދަރަވަންދޫ) ފެނާއި ނަރުދަމާގެ ޔުޓިލިޓީ ޚިދުމަތްދޭ ރަށްތަކުގެ ޔޫޓިލިޓީ ކުންފުނިތަކަށް އަމާޒުކޮށް މިދާއިރާއިން ކުރިއަށް ދާން ބޭނުންވާ ފަރާތްތަކަށް ތަމްރީނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވޭނެއެވެ.

މި މަސައްކަތްކުރުމަށް މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޯލޮޖީއާ ހަވާލުކުރި ކޮންޓްރެކްޓްގެ ޖުމްލަ އަގަކީ 394,500.00 (ތިން ލައްކަ ނުވަދިހަ ހަތަރު ހާސް ފަސް ސަތޭކަ) ރުފިޔާއެވެ. މިމަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 06 މަސް ދުވަހުގެ ތެރޭގައެވެ.