ރ.ކިނޮޅަހުގެ ފެނާއި ނަރުދަމާ މަޝްރޫޢުގެ %35 މަސައްކަތް ނިމިއްޖެ

7 ޖޫން 2021 - 8:13

އެމް.ޑަބްލިޔު.އެސް.ސީއިން ކުރިއަށް ގެންދާ ރ.ކިނޮޅަހުގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މުޅި މަޝްރޫޢުގެ ޢަމަލީ މަސައްކަތުގެ %35 ނިމިއްޖެ އެވެ.

މިގޮތުން، މި މަޝްރޫޢުގެ ފެނުގެ ނިޒާމްގައި ހިމެނޭ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ އިމާރާތުގެ %91 މަސައްކަތް ވަނީ ނިމިފައެވެ. މީގެއިތުރުން، ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ކިނޮޅަހުގައި 6.27 ކިލޯ މީޓަރގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް އެޅުމާއި، ފެން އުފެއްދުމަށްޓަކައި 2 އާރ.އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި 3 ތާންގީ ބެހެއްޓުން ހިމެނެއެވެ. އަދި 135 ގެއަކަށް ފެނުގެ ކަނެކްޝަން ގުޅައިދީ، ފެންމީޓަރ ބަހައްޓައި، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެންދާނެއެވެ.

މިމަޝްރޫޢުގެ ނަރުދަމާ ނިޒާމުގައި ހިމެނޭ 7.45 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯރކްގެ ހޮޅިވަޅުލުމުގެ %72 މަސައްކަތް، ގޭގެއަށް ނަރުދަމާ ކަނެކްޝަން ގުޅައިދިނުމުގެ %77 މަސައްކަތް، ސީ އައުޓް ފޯލް އެޅުމުގެ %35 މަސައްކަތް، އަދި ޕަންޕިން ސްޓޭޝަންތަކުގެ %16 މަސައްކަތް ވަނީ ނިމިފައެވެ. މީގެއިތުރުން، ނަރުދަމާ ނިޒާމު ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ކިނޮޅަހުގައި 695 މީޓަރގެ ޕަމްޕިން ލައިން އެޅުން ހިމެނެއެވެ. މިއާއެކު، ފެނާއި ނަރުދަމާ ނިޒާމް ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރ ސެޓާއި ވެހިކަލް އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސާމާނު މިމަޝްރޫޢުގެ ދަށުން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ރ.ކިނޮޅަހުގެ ފެނާއި ނަރުދަމާގެ މަޝްރޫޢުއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރގެ ފަރާތުން މިކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ. މިމަޝްރޫޢުގެ އަގަކީ ޖުމްލަ 36,048,032.06 މިލިއަން ދިވެހި ރުފިޔާ އެވެ. މިމަޝްރޫޢުގެ މަސައްކަތް ނިމުމުން ކިނޮޅަހުގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއް ލިބިގެންދާނެއެވެ.