ރެފްރިޖޭޝަން އަދި އޭސީ މެކޭނިކުން ސެޓިފައިކުރަން ނިންމައި، އެއްބަސްވުމުގައި ސޮއި ކޮށްފި
7 ޖޫން 2021 - 7:53
ތިމާވެއްޓާއި ރައްޓެހި އުސޫލުން ރެފްރިޖަރޭޝަން އަދި އެއަރ ކޮންޑިޝަނިންގ ސަރވިސް ކުރުމުގައި ހަރަކާތްތެރިވާ ޓެކްނީޝަނުން ސެޓިފައިކުރަން ނިންމާ، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
އެގޮތުން ޓެކްނީޝަނުންނަށް ބޭނުންވާ ސެޓިފިކޭޝަން އަދި ލައިސަންސިންގ ސިސްޓަމް ތައްޔާރުކުރުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާއި އެފް.ޖޭ.އެސް އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
މިއެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އާމިނަތު ޝައުނާ އެވެ. އަދި އެފް.ޖޭ.އެސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑައިރެކްޓަރ ފަރީހާ ޝަރީފް އެވެ.
މިއެއްބަސްވުމުގެ ދަށުން ދިވެހިރާއްޖޭގައި މަސައްކަތް ކުރަމުންދާ ރެފްރިޖަރޭޝަން އަދި އެއަރކޮންޑިޝަނިންގ ސަރވިސިންގ ޓެކްނީޝަނުންނަކީ މަސައްކަތުގެ ފަންނީ ހުނަރާއި ޢިލްމު ލިބިފައިވާ ބައެއްކަމުގައި ހެދުމަށްޓަކައި، ސެޓިފިކޭޝަން އަދި ލައިސަންސިންގ ސިސްޓަމްއެއް ތައްޔާރު ކުރެވިގެން ދާނެއެވެ.
މީގެ އިތުރުން މިދާއިރާގައި މަސައްކަތް ކުރާ ސަރވިސިންގ ޓެކްނީޝަނުންނަކީ ލައިސަންސް ލިބިފައިވާ ބައެއް ކަމުގައި ކުރިޔަށް އޮތްތަނުގައި ވެގެން ދާނެ އެވެ.
ޖައްވު ހޫނުވުމަށް މެދުވެރިވާ ވިހަ ގޭސްތައް މަދުކުރުމަށް ކުރެވިދާނެ އެންމެ މުހިންމު އެއްކަމަކީ، އެފަދަ ގޭސްތައް ބޭނުން ކުރާ އާލާތްތައް ބަރާބަރަށް މަރާމާތުކޮށް ސަރވިސް ކުރުމެވެ. އަދި އެފަދަ އާލާތްތައް މަރާމާތުކުރާ ފަރާތްތަކުގެ ޤާބިލުކަން އިތުރަށް ހަރުދަނާކޮށް، އެ ފަރާތްތަކަކީ ތިމާވެއްޓާއި ރަށްޓެހި ޓެކްނޮލޮޖީތަކަށް އަހުލުވެރި ބަޔަކަށްވުމަކީ، މިފަދަ ވިހަ ގޭސްތައް މަދުކުރުމަށް އެޅޭނެ ވަރަށް މުހިންމު ފިޔަވަޅެކެވެ.