ހުޅުމާލޭގައި މާލެ ސިޓީ ކައުންސިލް އިދާރާގެ ހިދުމަތްތައް ދިނުމަށް ޔުނިޓެއް ގާއިމު ކުރަނީ

5 ޖޫން 2021 - 14:10

ހުޅުމާލޭގައި މާލެ ސިޓީ ކައުންސިލް އިދާރާގެ ޙިދުމަތްތަށް ދިނުމަށާއި އިދާރީ އޮފީސް ހިންގުމަށް ޔުނިޓެއް ހަމަޖެއްސުމަށް މާލޭ ސިޓީ ކައުންސިލާއި އެޗްޑީސީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި މާލެ ސިޓީ ކައުންސިލްގެ ފަރާތުން ސޮއި ކުރައްވާފައި ވަނީ މާލެ ސިޓީގެ މެޔަރ ޑރ.މުހައްމަދު މުއިއްޒުއެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރައްވާފައި ވަނީ މެނޭޖިންގެ ޑިރެކްޓަރ ސުހައިލް އަޙުމަދެވެ.

މި އެއްބަސްވުމުގެ ދަށުން އެޑްމިނިސްޓްރޭޓިވް އޮފީސް ސްޕޭސްގެ ގޮތުގައި ހުޅުމާލެ އަމީން އެވެނިއު މޭޕަލް ޓަވަރުގެ ޔުނިޓް (އޭ.އެމް-1-05) ސިޓީ ކައުންސިލްގެ ޙިދުމަތްތަށް ފޯރުކޮށްދިނުމަށް ވަނީ ކަނޑައެޅިފައެވެ. މީގެ ސަބަބުން އަލަށް އެކުލަވާލެވުނު ކައުންސިލާއި ޤާނޫނަށް ގެނެވެނު ބަދަލުތަކާއި އެކު ދެފަރާތުން ގުޅިގެން ރައްޔިތުންގެ ލާބައަށް މަސައްކަތް ކުރުމަށް ގިނަ ފަސޭހަތަކެއް ދެ ވުޒާރާއަށާއި ރައްޔިތުންނަށް ލިބިގެންދާނެ ކަމުގައި އެޗްޑީސީ ޤަަބޫލުކުރެއެވެ.

އަދި ރައްޔިތުންނާއި ޙާއްސަކޮށް ހުޅުމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ލިބެންޖެހޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ކުރިމަގުގައިވެސް އިތުރު ހިދުމަތްތައް ފޯރުކޮށްދިނުމުގައި ކައުންސިލް އާއި އެކު ގުޅިގެން ކުރެެެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް އެޗްޑީސީން ތައްޔާރަށް އޮތްކަން މިފުރުޞަތުގައި ފާހަގަކޮށްފައިވެއެވެ.